މުސާރަ ނުލިބިގެން އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން ކުރި އިހުތިޖާޖުގައި، ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، ބިދޭސީން ކުރި މުޒާހަރާ ކޮންޓްރޯލް ކުރަންދިޔަ ފުލުހުންނާއި ކުރިމަތިލައި ބިދޭސީން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް އަނިޔާވެފައި ވާކަމަށާއި، އަދި ފުލުހުންގެ ވެހިކަލަކަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ފުލުހުން މިހާރު ވަނީ މިހަމަނުޖެހުންތައް ކޮންޓްރޯލްކޮށްފައެވެ. އަދި މިވަގުތު ބިދޭސީން ވަނީ، އެމީހުން މަސައްކަތްކުރާ ސައިޓުގެ ތެރެއަށް ވައްދާފައެވެ.
ފުލުހުންނާއި ކުރިމަތިލި ބިދޭސީން ވަނީ ފުލުހުންނާއި ދިމާއަށް ގަލާއި ވެއްޔާއި ލަކުޑިފަދަ ތަކެތި އުކާފައެވެ. ބިދޭސީންގައު އުކުމުގެ ސަބަބުން ފުލުހެއްގެ ބޯފެޅުނު ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.
އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ މި ބިދޭސީންނަށް ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. މި މީހުންނަށް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެ މީހުން މީގެކުރިންވެސް ބުނެފައިވެއެވެ. އަދި މީގެކުރިންވެސް މި މިީހުންވަނި ހުޅުމާލޭގައި މުޒާހަރާކޮށްފައެވެ. އެ ފަހަރުގެ މުޒާހަރާ އެމީހުންނަށް ހުއްޓަލީ މިމަހުގެ 10 ވަނދުވަހުގެ ކުރިން މުސާރަދޭން ކުންފުނިން އެއްބަސްވެ އެކަން އެންގުމުންނެވެ.
އައިލެންޑް އެކްސްޕާޓުން ކޮންމެ ބިދޭސީ މުވައްޒަކަށް މިދިޔަ ހަފްތާގައި 1600ރ ދީފައިވާކަމުގައި މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ބިދޭސީން ޑިމާންޑް ކުރަމުން ގެންދަނީ އެމީހުންނަށް ލިބެންޖެހޭ މުސާރަ ހޯދުމަށެވެ.