ވިޔަފާރި

އޭޝިޔާގެ އެންމެ ހިތްގާއިމު ޖަޒީރާ ރަށްތަކުގެ ލިސްޓުގައި ރާއްޖެ


އެމެރިކާގެ ޓްރެވަލް ޕްލަސް ލެޝަރ މެގަޒިންއިން އެކުލަވާލި އޭޝިއާގެ އެންމެ ހިތްގާއިމު ޖަޒީރާ ރަށްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

ޓްރެވަލް ޕްލަސް ލެޝަރ މެގަޒިންގެ ކިޔުންތެރިންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ލިސްޓުގައި ޖުމްލަ 10 މަންޒިލެއް ހިމެނޭއިރު ރާއްޖެއަށް ލިބިފައިވަނީ 9 ވަނައެވެ.

ޓްރެވަލް ޕްލަސް ލެޝަރއިން އަހަރަކު އެއްފަހަރު ނެރޭ ވޯލްޑްސް ބެސްޓް އެވޯޑްސް ސާވޭގައި އެ މެގަޒިންގެ ކިޔުންތެރިންގެ މެދުގައި އެންމެ މަޤްބޫލް އެއަލައިންތަކާއި، ސްޕާތަކާއި ކުރޫޒްޝިޕްތައްފަދަ، ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ހިތްގައިމު ޖަޒީރާ ޤައުމުތަކުގެ ލިސްޓުގައި މަންޒިލްތައް ހިމެނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ގުދުރަތީ ރީތި ކަމާއި، ގޮނޑޮދޮށްތަކުގެ ހިތްގައިމުކަމާއި އެ މަންޒިލެއްގައި ލިބެން ހުންނަ ކެއުންތައް ފަދަ ކަންތައްތައް ހިމެނެއެވެ.

މި ލިސްޓުން ރާއްޖެއަށް 9 ވަނަ ލިބިފައިވާއިރު، ރާއްޖެއަށް ލިބިފައިވަނީ 85.11 ގެ ސްކޯރއެކެވެ. ލިސްޓުގެ އެއްވަނަ އަށް އައިސްފައިވަނީ 94.8ގެ ސްކޯރއަކާއި އެކު ފްލިޕީންސްގެ ޕަލަވަންއެވެ. ދެވަނައަށް ހޮވިފައިވަނީ ސްރީލަންކާއެވެ. ސްރީލަންކާއަށް ވަނީ 90ގެ ސްކޯރއެކެވެ.

ޓްރެވަލް ޕްލަސް ލެޝަރ މެގަޒިން އަކީ އެމެރިކާގެ ނިއުޔޯކް ސިޓީގެ ކުންފުންޏަކުން ނެރޭ މެގަޒިންއެކެވެ. އެ މެގަޒިންގެ ކިޔުންތެރިންގެ އަދަދު 4.8 މިލިއަނަށް އަރައެވެ.