ވިޔަފާރި

ބޯޑަރު ހުޅުވުމަށް އިމިގްރޭޝަން އޮފިސަރުން ތައްޔާރުވަނީ


ބުދަދުވަހު ބޯޑަރު ހުޅުވަން ތައްޔާރުވާއިރު، އެކަމުގައި ހަރަކާތްތެރިވާ މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނަށް އަމާޒުކޮށްގެން މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން ބައްދަލުވެ މަސައްކަތްކުރާނެ އެއްބަޔަކީ މޯލްޑިވްސް އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނެވެ.

އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމުގައި ކޯވިޑް19ގެ ހާލަތުގައި އެއަރޕޯޓްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ވަނީ ދީފައެވެ. މިބައްދަލުވުމުގައި މައުލޫމާތު ހިއްސާކޮށްފައި ވަނީ އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލްއެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކިޔައިދީފައިވަނީ، ބޯޑަރު ހުޅުވާލާއިރު ރައްކާތެރިވުމަށް އިމިގްރޭޝަންގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯވިޑް19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ގައިޑްލައިންއާއި ގުޅޭގޮތުންނެވެ. މީގެއިތުރުންވެސް އިމިގްރޭޝަންގެ މުވައްޒަފުންގެ މެދުގައި ކޯވިޑް19 އާއިމެދު އުފެދިފައިވާ ސުވާލުތަކަށް ޑރ. އަފްޒަލް ވަނީ ޖަވާބު ދެއްވާފައެވެ. މި ސެޝަންގައި އިމިގްރޭޝަންގެ ގިނަ އަދަދެއްގެ ބޯޑަރ ކޮންޓްރޯލް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 15 ވަނަ ދުވަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ކޯވިޑް19ގެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެޗްޕީއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތަކާއި، މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުގެ އިތުރުން ބައެއް ލިވަބޯޑްތައްވެސް ފަތުރުވެރިންނަށް ހުޅުވާލާނެއެވެ. އަދި ރާއްޖެއަށް އަންނަން ގިނަ އަދަދެއްގެ އެއަރލައިންތަކުން ވަނީ ދަތުރުތައްވެސް ޝެޑިއުލްކޮށްފައެވެ.