ޚަބަރު

ސަލާމަތީ ޚިދުމަތްތަކާބެހޭ ބިލަށް އިދިކޮޅު މެމްބަރުން އިޞްލާޙު ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުން މިހާރު ދިރާސާ ކުރަމުންއަންނަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް އިދިކޮޅު މެންބަރުން އިޞްލާޙުތަކެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މިބިލު މިހާރު ދިރާސާކުރަމުން އަންނަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފުލުހުންގެ ޚިދުމަތުގެ ބިލަށް ހުށައަޅާފައިވާ މައިގަނޑު އިޞްލާޙުތަކަކީ މިހާރު އެބިލު އޮތްގޮތުން ސަލާމަތީ ޚިދުމަތްކާ ބެހޭ ކޮމިޓީއަށް ލިބޭ ބައެއް ބާރުތައް ހަނިކުރުމަށެވެ. އަދި މިޤާނޫނުގެ ދަށުން އުފެދޭ ފުލުހުންގެ ބޯޑަށްވެސް ބަދަލުތަކެއް ގެނައުމަށް އިދިކޮޅުން ހުށަހަޅާ އިޞްލާޙުތަކުގައިވެއެވެ.

އެއިޞްލާޙުގެ ތެރޭގައި، ކޮމިޓީއަށް މަޢުލޫމާތު ހިއްސާކުރެވޭނީ ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގެ ތެރެއިން ހިނގަމުންދާ ތަޙްޤީޤަކަށް ނުވަތަ އޮޕަރޭޝަނަށް ހުރަސްނޭޅޭނެގޮތަށް އެމަޢުލޫމާތު ކޮމިޓީން އެދިއްްޖެ ޙާލަތެއްގައިކަމަށާ، ފުލުހުން ގެންގުޅޭ އާލާތްތަކާއި ހަތިޔާރުގެ މަޢުލޫމާތުވެސް ކޮމިޓިން އެދިއްޖެ ހިނދެއްގައި ހިއްސާކުރަންޖެހޭނެކަމަށް އިޞްލަޙުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މިހާރު ފުލުހުންގެ ބިލު އޮތްގޮތުން ސަލާމަތީ ޚިދުމަތުގެ ކޮމިޓީއަށް މަޖިލީހުގެ ނުފޫޒު އޮތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ނުފޫޒް ފޯރުވުމުގެ ބާރު މި ބިލިގައި ނޯންނާނެކަމަށް ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް ސަރުކާރުގެ ފަރާތުންވެސް ވަނީ ގިނަ އިޞްލާޙުތަކެއް ހުށައަޅުއްވާފައެވެ. ބަންޑަރަ ނާއިބުގެ އޮފީހުން އެކަނިވެސް 41 އިޞްލާޙު މިބިލަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މި ބިލަށް އިޞްލާޙާއި ޚިޔާލު ހޯދުމަށް 25 އިދާރާއަކާ ބައްދަލުކުރާނެކަމަށް ބިލު ދިރާސާކުރާ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.