ވިޔަފާރި

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ މެޝިނަރީޒްއާއި އިލެކްޓްރިކް ސާމާނު


މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން އިންޕޯޓްކުރީ އެކި ބާވަތުގެ މެޝިނަރީޒްއާއި އިލެކްޓްރޯނިކް ސާމާނުކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު 408 މިލިއަން ރުފިޔާގެ މެޝިނަރީޒްއާއި އިލެކްޓްރިކް ސާމާނު ވަނީ އިމްޕޯޓްކޮށްފައެވެ. މެޝިނަރީޒްއާއި އިލެކްޓްރިކް ސާމާނަށްފަހު ދެން އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 293 މިލިއަން ރުފިޔާގެ ކާބޯތަކެތި ވަނީ އިމްޕޯޓްކޮށްފައެވެ. އެެހެން ބައެއް ބާވަތްތަކަށް ބަލާލާއިރު 210 މިލިއަން ރުފިޔާގެ ދަގަނޑު ރާއްޖެއަށް އިމްޕޯޓްކޮށްފައިވާއިރު، 203 މިލިއަން ރުފިޔާގެ ތެޔޮ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. މިދިޔަމަހު އެންމެ މަދުން ރާއްޖެއަށް އިންޕޯޓްކޮށްފައިވަނީ ސިނގިރޭޓާއި ރަލުގެ ބާވަތްތަކެވެ. އެއީ 2 މިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓްކުރި މުދަލުގެ ތަފްސީލަށް ބަލާލާއިރު، މުޅިންވެސް ހިމެނެނީ މަހުގެ ބާވަތްތަކެވެ. އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ކަޅުބިލަމަހެވެ. އެގޮތުން 43 މިލިއަން ރުފިޔާގެ ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި 30 މިލިއަން ރުފިޔާގެ ގަނޑުކުރި ބޮޑު ކަންނެލި ވަނީ އެކްސްޕޯޓްކޮށްފައެވެ.

އިމްޕޯޓް އަދި އެކްސްޕޯޓްކުރި ޤައުމުތަކަށް ބަލާއިރު، 18 އިންސައްތަ މުދާ އިމްޕޯޓްކޮށްފައި ވަނީ ޗައިނާއިންނެވެ. 15 އިންސައްތަ މުދާ އިންޑިއާއިން އިމްޕޯޓްކޮށްފައިވާއިރު ސިންގަޕޫރުން 11 އިންސައްތަ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. އެކްސްޕޯޓަށް ބަލާއިރު 28 އިންސައްތަ މުދާ އެކްސްޕޯޓް ވަނީ ތައިލެންޑަށެވެ. 12 އިންސައްތަ އިޓަލީއަށް އެކްސްޕޯޓްކޮށްފައިވާއިރު ޖަރުމަނާއި އިނގިރޭސިވިލާތަށް 10 އިންސައްތަ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު އިމްޕޯޓް އަދި އެކްސްޕޯޓް ވަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ކޯވިޑްއާ ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓި، އިޤްތިޞާދު މަޑުޖެހުމުންނެެވެ.