ޚަބަރު

ތަޢުލީމީ ބިލަށް ތަފާތު ގިނަ ޚިޔާލުތަކެއް!


ތަޢުލީމީ ދާއިރާގެ ބިލަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ޓީޗަރުންނާ ގުޅުންހުރި ކަންކަން ހަރުދަނާވާގޮތަށް ބިލްގައި ބާރުއެޅުމަށް ތަޢުލީމީ ދާއިރާގެ ފަރާތްތަކާއި ޢާއްމުން ޚިޔާލު ހުށައަޅައިފިއެވެ.

މިވަގުތު މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި އޮތް ތަޢުލީމީ ބިލަށް އާއްމުންގެ ޚިޔާލު ހޯދުމަށްވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައިވަނީ ބިލުގައި ހުރި ކަންކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި، އިތުރު ކަންކަމުގެ ގޮތުގައި ބިލުގައި ހިމެނާނެ ކަންކަމާގުޅޭގޮތުން ޚިޔާލު ހުށަހަޅާފައެވެ.

މިބިލަށް ޚިޔާލު ހުށައެޅުމާއި މަޝްވަރާތަކުގައި އެންމެ ބޮޑަށް ބައިވެރިން އަލިއަޅުއްވާލައްވާފައިވަނީ ޓީޗަރުންނާ ގުޅުންހުރި ކަންކަމަށެވެ. ކުދިންނަށް ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ހުންނަންޖެހޭނެ މިންގަނޑުތަކާއި، ތައުލީމީ ކޯސްތަކުގެ މުއްދަތު އިތުރުކޮށް މޮޑިއުލްތައް ފުޅާކުރުމާއި، ބްލޮކްމޯޑަށް ހިންގާ ކޯސްތަކުގެ ބަދަލުގައި ޓީޗިންގ ހަދާ މީހުންނާއި ލެކްޗަރާއިންނާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކޮށްގެން ކިޔަވައިދޭނެ ގޮތްތައް ބައްޓަންކުރުމަށްވަނީ ޚިޔާލު ހުށައަޅާފައެވެ. އަދި އާ ޤާނުނުގެދަށުން ޓީޗަރުންގެ ލައިސަންސް ދޭއިރު ތަޢުލީމާ އެއްގޮތަށް މުދައްރިސުންގެ ހުނަރުތަކަށް ބަލައިގެން ލައިސަންގެ ލެވެލްތައް ކަނޑައެޅުމަށްވެސްވަނީ ޚިޔާލު ހުށަހަޅާފައެވެ.

ގްރޭޑް ސްކޫލްތައް ނިންމައި ދަރިވަރުންގެތެރެއިން މޮޅެތި ކުދިން މިހާރު ޓީޗިންގ ދާއިރާއަށް ޝަޢުގުވެރިކަން ނުހުންނަކަމަށާ، މި ދާއިރާއަށް މޮޅެތި ކުދިން ނުނިކުންނަކަން ބައިވެރިން ފާހަގަކޮށްފައިވެއެވެ.

ކިޔަވައިދިނުމުގެ ދާއިރާއަށް ކުދިންގެ ޝަޢުގުވެރިކަން އިރުތުވާނެގޮތަކަށް ކަންކަން ބައްޓަންކޮށް، ވަޒީފާއަކަށްވުރެ ބޮޑަށް އުނގަންނައިދޭ ބަޔަކަށް ޓީޗަރުން ހެދުމަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށްވެސް މިބައްދަލުވުމުގައިވަނީ ޚިޔާލު ހުށަހަޅާފައެވެ. އަދި ޓީޗަރަކަށް އެންމެ ގިނަވެގެން އެއްފަހަރާ ކްލާސްރޫމެއްގައި ކިޔަވައިދޭނެ ކުދިންގެ ޢަދަދާއި ސްކޫލްތަކުގައި ދަރިވަރުންގެ އާބާދީ އޮންނަންވާ މިންވަރުގެ މައްޗަށްވެސް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ކުޅިވަރުފަދަ ދާއިރާތަކުން ކުރިއަށްދެވޭނެ ގޮތްތައް އިތުރުކުރުމާއި، ފަންނީ ކަންކަން ކުރިއެރުވުމަށް ސްކޫލްތަކުގައި ދޭ ވަގުތު އިތުރުކުރުމަށްވެސް ޚިޔާލު ބަދަލުކުރިއެވެ. އަދި ކުދިންގެ ޢުމުރާ ގުޅޭގޮތުން އިޖުތިމާޢީ އަގު ދަސްކޮށްދީ އެފަދަ ކަންކަމަށް ތަޢުލީމީ ދާރާގެ ތެރެއިން ދަރިވަރުން ހޭލުންތެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

ޚިޔާލު ހޯދުމަށް ބޭއްވި މިބައްދަލުވުމުގެ ޕެނަލްގައި އެޑިއުކޭޝަން މިނިސްޓްރީގެފަރާތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ މިބިލާ ގުޅިގެން މިހާތަނަށް ހިމަނާފައި ހުރި ކަންކަމާއިމެދު ހިތްހަމަޖެހޭކަމަށެވެ.

"އަތޮޅުތަކުގައި މަތީސާނަވީއަށް ކިޔެވޭ ސްކޫލްތައް އިތުރުކުރުމާއި، ޓީޗަރސް ލައިސަންސް މިންގަނޑުތައް ކަނޑައެޅުންފަދަ ކަންކަމަކީ ފާހަގަކުރެވޭ މުހިންމު ކަންކަން." ޑރ.އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހުށައެޅި ޚިޔާލުތަށް ކޮމިޓީ މަރުޙަލާގައި އިތުރަށް މަޝްވަރާކުރައްވާނެކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ވިދާޅުވެފައެވެ. މިބިލްގައި ޖުމުލަ 10 ބާބު، އަދި 46 މާއްދާ ހިމެނެއެވެ.