ޚަބަރު

ޤައުމީ ކުތުބުޚާނާއިން ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުން - މިނިސްޓަރ ޔުމްނާ


ޤައުމީ ކުރުބުޚާނާގައި ހުރި ފޮތްތައް ޑިޖިޓަލައިޒްކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުންގެދާކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެން ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

ޤައުމީ ކުުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރ ޔުމްނާ މަޢުމޫން ފޮނުއްވި މެސެޖުގައި ވިދާޅުވީ ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްޤީކޮށް ޒަމާނީ ބަދަލުތައް ގެނައުމަށް އެކިގޮތްގޮތުން މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ލައިބްރަރީގައި ހުރި އާސާރީ ލިޔުންތައް ކޮންޕިއުޓަރައިޒްކޮށް ޑިޖިޓަލް ލައިބްރަރީއެއްގެ ޚިދުމަތް ފެށުމުގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތުގެދަށުން މިހާރުވެސް ގިނަ ފޮތްތަކެއް ކޮންޕއިޓަރައިޒްކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވަނީ ޒަމާނީ ޓެކްނޮލިޖީއާއިއެކު ޒުވާންޖީލު ފޮތްކިއުމުގެ މުހިންމު އާދައާއި ދުރުވަމުން ދާކަން ފާހަގަކުރައްވާފައެވެ. ފޮތްކިއުމަކީ ނަފްސާނީގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަކަށްވާއިރު، މިކަމަށް ކުދިންނާއި އެންމެންވެސް އަހުލުވެރިވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. ޚާއްސަކޮށް ތަޢުލީމު އުންގެނުމުގައި ކުތުބުޚާނާގެ ދަޢުރުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެެއްވިއެވެ. އެގޮތުން މަޢުލޫމާތު މުއްސަނދިކުރުމާއި، ފިލާވަޅު ދަސްކުރުމާއި، ދިރާސާކޮށް ކަންކަމާއި ވިސްނާ ފިކުރުކުރުމަށްވެސް އެންމެ އެކަށޭނަ މާޙައުލަކީ ކުތުބުޚާނާގެ މާޙައުލުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާއިން ދަނީ ކުޑަކުދިންގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިދިޔައަހަރުވަނީ އާ ކަންތައްތަކާއިއެކު ކުޑަކުދިންގެ މަޒްޓިމީޑިއާ ލައިބްރަރީ ހުޅުވާފައެވެ. މި ލައިބްރަރީއިން ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގައި، ގިނަ ކުޑަކުދިންތަކެއް ޝަޢުގުވެރިކަމާއިއެކު ބައިވެރިވަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުތުބުޚާނާއަށްގޮސް ފޮތް ކިއުމުގެ ފުރުސަތު މިހާރު ބަންދުވެފައިވީނަމަވެސް ޤައުމީ ކުތުބުޚާނާގެ އީ-ރިސޯސްތައް ނުވަތަ އޮންލައިން ޚިދުމަތް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ލިބޭނެގޮތަށް މިއަހަރުގެ ކުރީގޮޅު ވަނީ އީޕޯޓަލް "ރިމޯޓްއެކްސެސް" ލޯންޗްކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމީ ކުތުބުޚާނާގެ މަސައްކަތްތަކުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުގެ ޢަމާޒްވެސް މިވަގުތުހުރީ ޤައުމީ ކުތުބުޚާނާއަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ މިއަދުގެ ދުނިޔެއާއި ރައްޓެހި ކުތުބުޚާނާއަކަށް ހެދުމަށްކަމަށެވެ.

މިނިސްޓަރވަނީ ދުވަހުގެ ތަހުނިޔާ މި ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކާއި، އަދި އަތޮޅުތަކުގައި ކުތުބުޚާނާތަށް ހިންގަވާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.

"މަޖީދީ ކުތުބުޚާނާ"ގެ ނަން "ޤައުމީ ކުތުބުޚާނާ"އަށް ބަދަލުކުރައްވައި ޚިދުމަތް ފަށާފައިވަނީ 1982ގައެވެ.