ޚަބަރު

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ތިން މެންބަރަކު އިސްތިއުފާ ދެއްވުމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެން.އައި.ސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައްވާފައިވަނީ، އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެ ތިން މެންބަރުންގެ މަޤާމް ހުސްވެފައިވާތީކަމަށެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ގެ ނާއިބް ރައީސް ހައްސާން ހަމީދާ، މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސީޓީ ފޮނުއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 19، 20 އަދި 21 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށްކަމަށް ރައީސް އިފީހުން ވިދާޅުވިއެވެ. އަދި އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ފާއިތުވި ދުވަސްތަކުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހޯދާފައިވާ މަޢުލޫމާތުތަކުން ފާހަގަކުރެވޭތީ، އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސަބް ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުވައްސަސާއެކެވެ.