ޚަބަރު

އޯޓިޒަމް ކުދިންގެ ތެރަޕީއަށް ބޭނުންވާ ސާމާނާއި ބައެއް ތަކެތި ޔުނިސެފުން ހަދިޔާކޮށްފި


އޯޓިސްޓިކް ކުދިންގެ ތެރަޕީއަށް ބޭނުންވާ ސާމާނާއި، އެކުދިންގެ އުނގެނުމަށް ބޭނުންވާ ބައެއް ސާމާނު ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް)އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާކޮށްފިއެވެ.

އޯޓިޒަމް އެސޯސިއޭޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހަދިޔާކޮށްދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުޙައްމަދު އަލްމުނީރު ސަފީލްދީނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އަދި ޗެއަރޕާރސަން އިލްހާމް ޙުސައިން ވިދާޅުވީ، ފާއިތުވި ދުވަސްތަކަކީ އެ އެސޯސިއޭޝަންގެ މަސައްކަތައް ކުރިއަށްގެންދިއުމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްތަކެއްކަމަށެވެ. ނަމަވެސް ލިބެންހުރި ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އިލްހާމް ފާހަގަކުރެއްވިއެވެ.

އިލްހާމް ވަނީ އެ އެސޯސިއޭޝަންގައި ރަޖިސްޓްރީވެގެން ތެރަޕީ ހޯދާ ކުދިންނަށް ތެރަޕިޔުޓިކް ޓޯއީސްއާއި ލަރނިންގ މެޓީރިއަލްސް ހަދިޔާކޮށްދެއްވިކަމަށްޓަކާ ޔުނިސެފަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިތަކެތީގެ އެހީގައި ދަރިވަރުންގެ ތައުލީމީ އަދި ޞިއްޙީ ދުޅަހެޔޮކަން ކުރިއެރުވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިލްހާމް ވިދާޅުވިއެވެ.

"މި ލަރނިންގ މެޓީރިއަލްސްތަކުގެ ސަބަބުން ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ޔަޤީންކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ. ޔުނިސެފުން ސްޕޮންސަރކޮށްދިން މި ޕެކޭޖްތައް އަޅުގަނޑުމެން ޚިޔާރުކޮށްފައިވަނީ ވަކިވަކި ދަރިވަރުންގެ ލިޔުމާއި ކިޔުމުގެ ހުނަރުތަކަށް ބަލާ، އަޅުގަނޑުމެން އޮންލައިންކޮށް ކުރިއަށްގެންދާ ތެރަޕީ ކްލާސްތަކުގައި ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް ބަލައިގެން" އިލްހާމް ޙުސެއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުހައްމަދު އަލް މުނީރު ސަފީލްދީން ވިދާޅުވީ، އޯޓިސްޓިކް ކުދިންނަކީ އާއްމު ދިރިއުޅުމުގައިވެސް ބެލެހެއްޓުމުގައި ޚާއްސަ އަޅާލުމާއި ސަމާލުކަން ބޭނުންވާ ކުދިންކަމަށާއި، ކޯވިޑް-19ގެ މި ޙާލަތުގައިވެސް އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ކުޑަކޮށްގެން ނުވާނެކަމަށެވެ. އަދި މި އުނދަގޫ ޙާލަތުގައިވެސް އެފަދަ ކުދިންގެ ބެލެނިވެރިންނާއި ޓީޗަރުން ކުރަމުންދާ ބުރަ މަސައްކަތް ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ވަނީ ފާހަގަކުރައްވާ، އޯޓިޒަމް އެސޯސިއޭޝަނަށް އެ ޖަމިއްޔާގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

"އޯޓިޒަމް ކުދިންގެ ބެލެނިވެރިން ވަމުން އެދަނީ ޝުކުރުވެރިވުން ހައްްޤު ޤުރުބާނީއެއް. އެކުދިންނަށް ބޭނުންވާ ތަޢުލީމާއި ތެރަޕީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އޯޓިޒަމް އެސޯސިއޭޝަނުން ކުރާ މަސައްކަތްވެސް ފާހަގަކުރަން. ލޮކްޑައުންގެ މުއްދަތުގައާއި، އައު އާއްމު ޙާލަތުގައިވެސް އޯޓިޒަމް އެސޯސިއޭޝަންގެ ޚިދުމަތްތައް މެދުނުކެނޑި ދެމުންދާތީ އުފާކުރަން" މުހައްމަދު އަލް މުނީރު ސަފީލްދީން ވިދާޅުވިއެވެ.

އޯޓިޒަމް އެސޯސިއޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެތަނުގެ ސީ.އީ.އޯ ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ތެރަޕީގެ ޚިދުމަތައް ހޯދަންދާ ކުދިންގެ ރައްކާތެރިކަމަށްޓަކާ ގިނަ ޚިދުމަތްތަކަކާއި ކްލާސްތަކެއް އޮންލައިންކޮށް ދެމުންދާކަމަށެވެ. އަދި ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން، ކުދިންގެ އުޅުމަށް ބަދަލުތަކެއް އައިސް، ތެރަޕީތަކުގެ އަސަރު ކުޑަވެގެންދާކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ. ޑރ. ޝަފީޢު ވިދާޅުވީ ޔުނިސެފުން މި ހަދިޔާކުރި ތަކެއްޗާއެކު ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށް ފަސޭހަވެގެންދާނެކަމަށެވެ.

"ގޭގެތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަންވީމަ އެކުންދިންނަށް އުނދަގޫތަކެއް ދިމާވޭ. ކުރިއަށްވުރެ ބޮޑަށް ކުދިންގެ އުޅުމަށް ބަދަލުއައުމާއި، ދަސްވެފައިހުރި ކަންކަން ހަނދާންނެތިގެން ދިއުން ފަދަ ކަންކަން އެބަދިމާވޭ. މިދަތިތަކުގެ ތެރެއިންވެސް އަޅުގަނޑުމެން ބެލެނިވެރިންނަށް ބޭނުންވާ ސަޕޯޓްދީ، ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން އިތުރު ކަންކަން ކުރެވޭތޯ މިބަލަނީ"

2010 ވަނަ އަހަރު ވަރަށްވެސް އާދައިގެ ގޮތަކަށް ޚިދުމަތްދޭން ފެށި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަސައްކަތްތައް ފުޅާކޮށް، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއެކު ހުޅުމާލޭގައި އޯޓިޒަމް ކުދިންގެ ފަރުވާއާއި ތައުލީމުގެ ކަންކަމަށް ޚާއްސަކޮށްގެން އޯޓިޒަމް ސެންޓަރެއް ހުޅުވާފައިވަނީ 2017 ވަނަ އަހަރުއެވެ. 6 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި ސެންޓަރުން އޯޓިޒަމް ދެނެގަތުމާއި، އަރލީ އިންޓަވެންޝަން ޕްރޮގްރާމްތަކާއި، ސްކޫލް ރެޑިނަސް ޕްރޮގްރާމްތަކާއި، ސްޕީޗް ތެރަޕީއާއި، އޮކިއުޕޭޝަނަލް ތެރަޕީތައް ފަދަ މުހިއްމު ޚިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ.