ޚަބަރު

މިނިސްޓަރު އިމްރާނާއި ގުޅޭ އޯޑިއޯގެ ސައްހަކަން އަންނަނީ ބަލަމުން - ފުލުހުން


ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރައްވައިފިއެެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވީ ދައުރުވަމުންދާ އޯޑިއޯ އާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އެއްވެސް މައްސަލައެއް އެ އިދާރާއަށް އެއްވެސް ފަރާތަކުން ހުށައަޅާ ފައިނުވާކަމަށެވެ. އެހެންނަމަވެސް ދައުރުވަމުން އަންނަ އޯޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާތީ އެ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

ދައުރުވަމުން އަންނަ އޯޑިއޯގައި އަންހެނަކުވަނީ ވަނީ މިނިސްޓަރ އިމްރާންގެ މައްޗަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއް ކޮށް ވާހަކަދައްކާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އަލީ ވަހީދު މަޤާމުން ވަކިކުރައްވާފައެވެ. އަދި ރޭ ފުލުހުން ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލާ ފާސްކޮށް އެނާގެ ފޯނާއި ބައެއް އިލްކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.