ޚަބަރު

ހަތަރު މަހަށްފަހު ފުލޮރިޑާގެ ޑިސްނީ ވޯލްޑު ހުޅުވައިފި


ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކާއެކު އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި ހުންނަ ޑިސްނީ ވޯލްޑު އަލުން ހުޅުވައިފިއެވެ. ކޯވިޑް-19ގެ ސަބަބުން 4 މަސް ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އޮރލަންޑާގައި ހުންނަ ޑިސްނީ ވޯލްޑުގެ ހަތަރު ޕާކުގެ ތެރެއިން ދެ ޕާކުވެސް ވަނީ ހުޅުވައިފައެވެ.

ޢާންމުންގެ މެދުގައި ވަރަށް މަޤުބޫލު އެ ޕާކުތައް ހުޅުވުމުން އެތައް ސަތޭކަ މީހުންވަނީ އެ ޕާކުތަކަށް ޒިޔާރަތްކޮށްފައެވެ. އެ ޕާކުތައް ހުޅުވުމުގައި ޢަމަލުކުރާ އައު ޤަވާއިދުތަކުގެ ދަށުން ޢާންމުންނާއި މުވައްޒަފުން މާސްކު ބޭނުންކުރަންޖެހޭނެއެވެ. ޕާކުތަކަށް ވަނުމުގެ ޙުއްދަ ދިނުމުގެ ކުރިން ކޮންމެ މީހެއްގެވެސް ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެއެވެ. އަދި ޕާކުތަކުގެ އެކި ސަރަޙައްދުތަކުގައި ފަސޭހައިން އަތްދޮވެ، ސާފުކުރުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އިޖުތިމާޢީ ގައިދުރުކަން ޔަޤީންކުރުމުގެ ގޮތުން ޕާކުތަކަށް ވަންނަ މީހުންގެ ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށްވަނީ ދުރާލާ ޓިކެޓު ވިއްކާފައެވެ. ޕާކުތައް ބޭނުންކުރުމުގައި ކޮންމެ ބައެއްގެ ދެމެދުގައި މަދުވެގެން 6 ފޫޓުގެ ދުރުމިނެއް ބަހައްޓަންޖެހޭނެއެވެ.

ޕާކުތަކަށް ޒިޔާރަތްކުރާ ކޮންމެ މީހަކީ އެ ތަނުން ކޯވިޑް-19 ޖެހުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކޮށްގެން ޚިދުމަތް ހޯދާ މީހެއްގެ ގޮތުގައި ދެކޭނެކަމަށް ޑިސްނީ ވޯލްޑުންވަނީ ބުނެފައެވެ. އެ އިންޒާރާއެކުވެސް ޖުލައި މަހުގެ ނިޔަލަށް ހުރިހާ ޓިކެޓެއްވަނީ ވިކިފައެވެ.

އެމެރިކާގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ފުލޮރިޑާގައެވެ. އެ ސްޓޭޓުގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި ޑިސްނީ ވޯލްޑު ހުޅުވުމުން ނިންމި ނިންމުމަށްވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 10،360 މީހުންނަށް އެ ސްޓޭޓުގައި ބަލި ޖެހި 95 މީހުންވަނީ މަރުވެފައެވެ.

މެއި މަހުން ފެށިގެން މަރުޚަލާތަކަކަށް ބަހާލައިގެން ފުލޮރިޑާގެ އިޤްތިޞާދީ ޙަރަކާތްތައްވަނީ ހުޅުވަން ފަށައިފައެވެ. ގައިން ގަޔަށް އަރާ ބަލިތަކާބެހޭ މާހިރެއްކަމަށްވާ އެންތޮނީ ފައުޗީ ވިދާޅުވީ ފުލޮރިޑާ ހުޅުވާލީ ރައްކާތެރިކަމުގެ ޝަރުތުތައް ފުރިހަމަނުކޮށްކަމަށެވެ. ނަމަވެސް އެ ތުހުމަތަކާ އެ ސްޓޭޓުގެ ގަވަރުނަރު ރޮން ޑިސަންޓިސް ދެކޮޅުހައްދަވައެވެ.