ވިޔަފާރި

ސްޕޭސްއެކްސްގެ 57 "މިނީ ސެޓްލައިޓް" ލޯންޗުކުރުން ފަސްކޮށްފި


މަޝްހޫރު ބިލިއަނަރު އިލޯން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވަން ތައްޔާރުކުރި 57 މިނީ ސެޓްލައިޓްތައް ލޯންޗުކުރުން ފަސްކޮށްފިއެވެ.

ސްޕޭސް އެކްސްއިން ފެލްކަން ނައިން ރޮކެޓު ބޭނުންކޮށްގެން ޖައްވަށް ފޮނުވާ 57 މިނީ ސެޓްލައިޓްތަކަކީ ގްލޯބަލް ބްރޯޑްބޭންޑް އިންޓަނެޓް ސިސްޓަމެއް ޤާއިމްކުރުމަށް އެހީތެރިވުމަށް ފޮނުވާ ރޮކެޓްތަކެކެވެ.

ސްޕޭސްއެކްސްއިން ބުނީ "ސްޓަރލިންކް މިޝަން" ފަސްކުރީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ. އަދި ރޮކެޓް ލޯންޗުކުރުމަށް އެހެން ސަރަޙައްދެއް ބަލަމުންދާކަމަށްވެސް ސްޕޭސްއެކްސްއިން ބުނެއެވެ. މިއީ މި މިޝަން ފަސްކުރި 3 ވަނަ ފަހަރެވެ.

ސްޕޭސްއެކްސްއިން އެކި ކުންފުނިތަކުގެ ސެޓްލައިޓްތައް ޖައްވަށް ފޮނުވަމުންދާއިރު، 12 ހާހަށްވުރެ ގިނަ ސެޓްލައިޓް ލޯންޗުކުރުމަށް އެކުންފުންޏަށް ވަނީ ހުއްދަ ލިބިފައެވެ. އަދި އިތުރު 30 ހާސް ސެޓްލައިޓް ލޯންޗުކުރަންވެސް އެކުންފުނިން ވަނީ ހުއްދައަށް އެދިފައެވެ.

ސްޕޭސް އެކްސްއިން ދަނީ ޖައްވީ ކަންކަމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އެކުންފުނީގެ ރޮކެޓެއްގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އެސްޓްރޮނޯޓުން ވަނީ ޖައްވަށް ގެންގޮސްފައެވެ. މީގެކުރިން އެމެރިކާގައި މިމަސައްކަތް ކުރަނީ ނާސާގެ އުޅަނދުތަކުގައި، ނާސާއިން އެކަންޏެވެ. އެހެންކަމުން މިއީ އެމެރިކާގެ ބިލިއަނަރު އީލޯން މަސްކަށް ކާމިޔާބީއެކެވެ. އަދި 2002 ވަނަ އަހަރު ޖައްވީ މަސައްކަތް ފަސޭޙަކޮށް، ޒަމާނީކުރުމަށް އޭނާ އުފެއްދި ސްޕޭސް އެކްސް ކުންފުނިން ހޯދި ބޮޑު ކުރިއެރުމެކެވެ.

އަމިއްލަ ކުންފުނިތަކުން ޖައްވަށް މީހުންގެ ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު، އިތުރު ކުންފުނިތަކުންވެސް ދަނީ އެމަސައްކަތަށް އިންވެސްޓްކުރަމުންނެވެ. މިގޮތުން ބޮއިންގ ކުންފުނިން ދަނީ އަމިއްލަ ލޯންޗު ސިސްޓަމަކާއި އުޅަނދެއް ތަރައްޤީކުރަމުންނެވެ. މިގޮތުން ބޮއިންގ ކުންފުނީގެ "ސީ.އެސް.ޓީ ސްޓަރލައިނަރ" އުޅަނދުގައި އަންނަ އަހަރު އޮސްޓްރޮނޯޓުން ޖައްވަށް ގެންދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މިމަސައްކަތަށްވެސް އެތައް ބިލިއަން ޑޮލަރެއް ވަނީ ޚަރަދުކޮށްފައެވެ.