ވިޔަފާރި

އައި.އެން.އައި.އޭ ގައި ރެޑް އެންޑް ގްރީން ޗެނަލް ތައާރަފްކޮށްފި


އިބްރާހިމް ނާސިރު  އިންޓަނޭޝަނަލް އެއަރޕޯޓުން ދަތުރުވެރިނަށްދޭ ޚިދުމަތް އަވަސްކޮށް ފަސޭހަކުރުމުގެ ގޮތުން އެ އެއަރޕޯޓުގައި "ރެޑް އެންޑް ގްރީން ޗެނަލް" އިފްތިތާހްކޮށްފިއެވެ.ޑިއުޓީ ދައްކަން ޖެހޭ މުދަލާއި ހުއްދަ ބޭނުންވާ ތަކެތި ފާސްކުރެވޭ ގޮތަށް ގާއިމް ކުރި މި ޚިދުމަތް ފައްޓަވައިދެއްވީ، ރައީސުލް ޖުމުހޫރިއްޔާގެ ނައިބު އަހްމަދު އަދީބެވެ. އިބްރާހިމް ނާސިރު އިންޓަރނޭޝަންލް އެއަރޕޯޓުންދޭ ޚިދުމަތް އަވަސްކޮށް ފަސޭހަ ކުރުމުގެ ގޮތުން މިއަދު ހުޅުވުނު، ރެޑް އެންޑް ގްރީން ޗެނަލް އަކީ، ވައިގެ މަގުން ރާއްޖެއަންނަ ފަސިންޖަރުންގެ ފޮށިތަކާއި އެހެނިހެން މުދާތައް އެރައިވަލް ބެލްޓަށް ގެނެވޭ އިރު، ކަސްޓަމުން ބަލަން ޖެހޭ ބެލުންތައް ވީހާވެސް އަވަހަށް ނިންމުމަށް މަގުފަހި ކުރުމުގެ ގޮތުން ގާއިމް ކުރެވިފައިވާ ދެ ޗެނަލެވެ.  މީ ގެ ތެރެއިން ގްރީން ޗެނަލުން ދެވޭނީ، ކަސްޓަމުންފާސްކޮށް އިތުރަށް ބަލަން ނުޖެހޭ ފަސިންޖަރުންގެ ފޮށްޓާއި މުދަލެވެ. އަދި ފޮށިތަކާއި އެހެނިހެން މުދާތަށްގެންނަފަރާތްތަކުގެ ތެރެއިން ކަސްޓަމްސް އިން ޗެކް ކުރުމަށްފަހު އިތުރަށް ބަލަންޖެހޭ ކަމަށް އެފަރާތަށް ފާހަގަކުރެވޭ ތަކެތި ރެޑް ޗެނަލް ގައި ބަލަން ޖެހެއެވެ.ރެޑް އެންޑް ގްރީން ޗެނަލް އިފްތިތާހްކޮށް ދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމުހޫރިއްޔާގެ ނައިބް އަހްމަދު އަދީބް ވިދާޅުވީ، ގައުމަކަށް އިގްތިސާދީ ކުރިއެރުން އަންނަ ކަންކަމުގެ ތެރޭގައި އެގައުމަކަށް ފަސޭހައިން މުދާ އެތެރެ ކުރެވޭގޮތްވުމާއި، ފަސެންޖަރުންނަށް ދެވޭ ޚިދުމަތްތަށް އަވަސްކުރުން ހިމެނެއެވެ." ޚާއްސަކޮށް ރާއްޖޭގެ މުޅި އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިން ގައުމަށް އެތެރެވާ މައި ގޭޓުން ރަނގަޅު ޚިދުމަތްތައް ލިބެން ހުރުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއް. އެއަރޕޯޓްގައި މިއަދު ގާއިމް ކުރިވިގެން މިދިޔަ ރެޑް އެންޑް ގްރީން ޗެނަލްގެ ސަބަބުން އެތަށް ގޮތަކުން ރައްކާތެރިކަން ލިބި ދެވޭ ޚިދުމަތްތަށް އަވަސް ވެގެންދާނެ." ނައިބް ރައީސް އަދީބު ވިދާޅުވިއެވެ. މީގެ އިތުރުން އިބްރާހިމް ނާސިރު އިންޓަރ ނޭޝަނަލް އެއަރޕޯޓް ޖީ.އެމްއާރު ކުންފުނީގެ ބެލުމުގެ ދަށުން ވަކިކުރި މައްސަލަ ސަރުކާރާއި އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، ދެވަނަ ރަންވޭއަކާއި އާޓާމިނަލް އަޅަން ކުރެވޭ އިންވެސްޓަށްފަހު ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށްވެސް ނައިބްރައީސް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ރެޑް އެންޑް ގްރީން ޗެނަލް އާއެކު އެއަރޕޯޓުން ދެމެންދާ ޚިދުމަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، މިއީ، އެއަރޕޯޓް އިތުރަށް ތަރައްގީވެގެންދާއިރު ފަސެންޖަރުންނަށް ދެވޭ ޚިދުމަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ، ރެޑް އެންޑް ގްރީން ޗެނަލް ގާއިމްވެގެންދިއުމަކީ ކަސްޓަމްސް އާއި އެއަރޕޯޓަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަމަށެވެ."މިއީ، ދުނިޔޭގެ ކުރިއަރާފައިވާ މިފަދަ ނިޒާމްތައް ރާއްޖޭގައި ތަޢާރަފްކުރުމަށް ކަސްޓަމްސުން ކުރާ މަސައްކަތަށް ކުރިއެރުން ލިބި، ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަށް ދެވިގެންދާކަމުގެ ހެތްކެއް."  ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ.ރެޑް އެންޑް ގްރީން ޗެނަލް ތައާރަފްވެގެން ދިއުމާއެކު، ކުރިން ބޮޑެތި އެއަރ ލަންތަކުގެ މަތިންދާ ބޯޓްތަކުން ފަސިންޖަރުން އަންނައިރު ޓަރމިނަލްތެރެ ތޮއްޖެހެމުންދިޔަ ނަމަވެސް، މިހާރު މިތަޢާރަފް ކުރެވުނު ހިދުމަތާއެކު، ޓަރމިނަލްތެރެ ތޮއްޖެހުން ކުޑަވެ ފަސިންޖަރުން އެރައިވަލް ޓަރމިނަލްތެރޭގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެކަމަށް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑުން ބުނެއެވެ.