ޚަބަރު

އިންޑިޔާގެ ބެންގަލޫރު ފުރަބަންދުކުރަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިޔާގެ ބެންގަލޫރު ސިޓީ ފުރަބަންދުކުރުމަށް ކަރުނަޓަކާ ސްޓޭޓުގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާއާއި ބުރެޒިލަށްފަހު ތިންވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 850،827 މީހުންނަށް ކޯވިޑް-19 ޖެހި، 22،696 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކަރުނަޓަކާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް ޖޫން މަހުގެ 8ވަނަ ދުވަހު އުވާލުމުން އެ ސްޓޭޓުގައި ބަލި ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ކަރުނަޓަކާގެ ވެރިރަށް ބެންގަލޫރުގައި 8000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލި ޖެހިފައެވެ. އެ ސިޓީގައި ބަލި ޖެހޭ މީހުންގެ ޢަދަދު ދަނީ ކޮންމެ ހަތް ދުވަހަކުން ދެގުނައަށް އިތުރުވަމުންނެވެ. އެއާއެކު އެ ސިޓީގެ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.

އެހެންކަމުން ޖުލައި މަހުގެ 14ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހާ ހަމައަށް އެ ސިޓީ އަލުން ފުރަބަންދުކުރަން ނިންމާފައިވާކަން ކަރުނަޓަކާގެ ޗީފު މިނިސްޓަރު ބީ އެސް ޔެދިޔުރައްޕާވަނީ އިޢުލާނުކުރައްވާފައެވެ. އެ ނިންމުން ނިންމެވީ ޞިއްޙީ މާހިރުންގެ ލަފާގެ މަތިންކަމަށް ޔެދިޔުރައްޕަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުރަބަންދުގެ މުއްދަތުގައި ލިބޭނީ ކޮންމެހެން ބޭނުންވާ މުޙިންމު ޚިދުމަތްތައްކަމަށާއި އެ މުއްދަތުގައި ޞިއްޙީ ފަރުވާ ހޯދުމަށް އެޕޮއިންޓުމަންޓު ހައްދާފައިވާ މީހުންނަށް އެ ފުރުޞަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތަކުގެ ތަފުޞީލް ޖުލައި މަހުގެ 13ވަނަ ދުވަހު އިޢުލާނުކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.