ޚަބަރު

ޢާންމު ތަނެއްގައި ފުރަތަމަ ފަހަރަށް ޓުރަންޕް މާސްކު ބޭނުންކުރައްވައިފި


ކޯވިޑް-19ން ރައްކާތެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް ޢާންމު ތަނެއްގައި ފުރަތަމަ ފަހަރަށް މާސްކު ބޭނުންކުރައްވައިފިއެވެ.

ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމަކީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 3.35 މިލިއަން މީހުންނަށް ބަލި ޖެހި 137،043 މީހުންވަނީ މަރުވެފައެވެ. އެމެރިކާގައި ހަލުވިކަމާއެކު ބަލި ފެތުރުނުނަމަވެސް ރައީސް ޓުރަންޕް މާސްކު ބޭނުންކުރައްވަނިކޮށް މީގެ ކުރިން ފެނިފައެއް ނުވެއެވެ. ނޫސްވެރިންގެ ބައްދަލުވުންތަކާއި ސިޔާސީ އެއްވުންތަކުގައިވެސް މާސްކު ބޭނުންކުރައްވާފައެއް ނުވެއެވެ. އޭނާވަނީ މާސްކު ބޭނުންކުރައްވަން ދެކޮޅު ހައްދަވައި އެމެރިކާގެ ރައްޔިތުން މާސްކު ބޭނުންކުރަން އަމުރު ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ރައީސް ޓުރަންޕް ވިދާޅުވީ މާސްކު ބޭނުންކުރުމާއި ނުކުރުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަ ނިންމުމެއްކަމަށެވެ. ނަމަވެސް އިޖުތިމާޢީ ގައިދުރުކަން ނުބެހެއްޓޭ ޢާންމު ތަންތަނުގައި މާސްކު ބޭނުންކުރުމަށް ދެކޮޅު ނުހައްދަވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ފުރަތަމަ ފަހަރަށް ޢާންމު ތަނެއްގައި މާސްކު އެޅުއްވީ އަސްކަރީ ހަސްފަތާލެއްކަމަށްވާ ވޮލްޓަރ ރީޑު ނޭޝަނަލް މިލިޓަރީ ސެންޓަރަށް ކުރެއްވި ޒިޔާރަތެއްގައެވެ. ހަސްފަތާލަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޓުރަންޕުވަނީ ހަސްފަތާލުފަދަ ގިނަ ޢަދަދެއްގެ ބަލިމީހުން ތިބޭ ތަންތަނާއި ގިނަ ޢަދަދެއްގެ ސިފައިންނާ ބައްދަލުވާ މާހައުލެއްގައި މާސްކު ބޭނުންކުރުމަކީ ރަނގަޅުކަމެއްކަމަށް ވިދާޅުވެ، މާސްކު ބޭނުންކުރައްވާނެކަމުގެ އިޝާރާތެއް ދެއްވައިފައެވެ.

އެމެރިކާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މާސްކު ބޭނުންކުރުމަށް ޞިއްޙީ މާހިރުންވަނީ ބާރުއަޅަައިފައެވެ.