ވިޔަފާރި

މެރިންޑްރީމްގައި ހުރި ބީއެމްއެލް އޭޓީއެމްތައް އަޕްގްރޭޑް ކުރުމަށްފަހު ހުޅުވައިފި


އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން ހުޅުވައިފިއެވެ.

މި އޭޓީއެމް ސެންޓަރުގައި ހުންނަނީ ޖުމްލަ 6 އޭޓީއެމްއެވެ. އެއީ ޑޮލަރުގެ މުއާމަލާތްތަކަށް 3 އޭޓީއެމް އަދި ރުފިޔާގެ މުއަމަލާތްތަކަށް 3 އޭޓީއެމްއެވެ.

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުން ވަނީ އާޓިފިޝަލް ބީޗް ކައިރީ މެރިންޑްރީމްގައި ހުންނަ އެ ބޭންކުގެ އޭޓީއެމް ސެންޓަރުގައި ހުންނަ ޑޮލަރު އޭޓީއެމްތައް ހުންނަ ފަޅި ބަދަލުކޮށްފައެވެ. މިބަދަލާއެކު ޑޮލަރު އޭޓީއެމްތައް ކައިރީ ކިއު ހަދާ ފަރާތްތަކަށް އިތުރު ޖާގަ އޭޓީއެމް ސެންޓަރުން ލިބިގެންދާނެއެވެ. ޑޮލަރު އޭޓީއެމްތައް ކުރިން ހުންނަ ސަރަޙައްދަކީ ޖާގަ ކުޑަ ތަނަކަށްވުމުން، ބައެއް ވަގުތުތަކުގައި އޭޓީއެމްތައް ކައިރީ ހަދާ ކިއުތައް މަގުމައްޗާ ހަމައަށް ދިގުވެގެންވެސް ދެއެވެ.

މި ސެންޓަރުގައި 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލުން ދާދިފަހުން ވަނީ މާލޭގައި އިތުރު އޭޓީއެމް ސެންޓަރެއްވެސް ހުޅުވާފައެވެ. މ.ސްޓަރ ކްލައުޑް (ކުރީގެ ސްޓަރ ސިނަމާ) އިމާރާތުގައި ހުޅުވާފައިވާ އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން މިހާރުވެސް އަންނަނީ 56 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް ސެންޓަރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ޙިދުމަތްދެމުންނެވެ.