ވިޔަފާރި

މާލީ ބަޔާން އޮޑިޓަރ ޖެނަރަލަށް ހާމަކުރުމުގެ އުސޫލު ގެޒެޓްކޮށްފި


މަތީ މަޤާމްތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓަރ ޖެނަރަލަށް ހާމަކުރުމުގެ އުސޫލު ގެޒެޓްކޮށްފިއެވެ.

މިއުސޫލަކީ ބައެއް މަޤާމްތަކުގައި ތިބޭ ވެރިންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ޤާނޫނުއަސާސީން ލާޒިމްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ގެޒެޓްކޮށްފައިވާ މިއުސޫލަށް އަމަލުކުރަންޖެހޭ ފަރާތްތަކުން، އެސެޓް ޑިކްލެރޭޝަން މަޤާމާއި ހަވާލުވުމަށްފަހު، އަދި މަޤާމުގައި ހޭދަކުރާ ކޮންމެ އަހަރަކު އެއް ފަހަރު އަދި މަޤާމުން ވަކިވުމުން ހުށަހަޅަންޖެހެއެވެ. މަޤާމާއި ހަވާލުވުމަށްފަހު ނުވަތަ މަޤާމުން ވަކިވުމަށްފަހު 30 ދުވަހުގެ ތެރޭގައި އެސެޓް ޑިކްލެރޭޝަން އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންޖެހެއެވެ. އަދި މަޤާމުގައި ހޭދަކުރާ ކޮންމެ އަހަރެއްގެ ޖެނުއަރީމަސް ނިމުމުގެ ކުރިން އެސެޓް ޑިކްލެރޭޝަން ހުށަހަޅަންޖެހެއެވެ.

އުސޫލުގައިވާ ގޮތުން އެސެޓް ޑިކްލެރޭޝަންގެ ގޮތުގައި ހުށަހަޅާ މަޢުލޫމާތަކީ، އެ މަޢުލޫމާތު ހުށަހަޅަން ކަނޑައަޅާފައިވާ ތާރީހުގައި ހުށަހަޅާ މީހާގެ އެސެޓުތައް ހުރި މިންވަރާއި ޙާލަތު ބަޔާންކޮށްދޭ މަޢުލޫމާތަށްވާންޖެހޭނެއެވެ. މިގޮތުން ހާމަކުރަންޖެހޭ މަޢުލޫމާތުތަކުގެ ތަފްސީލް މިއުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މިއުސޫލުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކުގައި މަޢުލޫމާތުތައް އޮޑިޓަރ ޖެނެރަލްއަށް ފޮނުވަންޖެހޭނެއެވެ. އަދި މަޢުލޫމާތު ކަށަވަރުކުރުމުގައި ފާހަގަކުރެވޭ ކަންކަމުގެ ސީރިއަސްކަމަށާއި ބޮޑުކުޑަމިނަށާއި ހާލަތަށް ބަލައި، ތަހުޤީޤުކޮށް ބަލަން ފޮނުވުމަށް ނުވަތަ މަޢުލޫމާތު ރަނގަޅުކުރުމަށްފަހު އަލުން އެސެޓް ޑިކްލެރޭޝަން ހުށަހެޅުމަށް އޮޑިޓަރ ޖެނަރަލްއަށް އެންގިދާނެއެވެ.

އެސެޓް ޑިކްލެރޭޝަންގައި ހަޤީޤަތާ ޚިލާފު މައުލޫމާތު ހުށަހަޅައިފައިވާކަން ފާހަގަވެއްޖެނަމަ، އެކަން ތަހުޤީޤްކުރުމަށް އެމައްސަލަ ދައުލަތުގެ ތަހުޤީޤީ އިދާރާއަކަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންޖެހޭނެއެވެ. މިއުސޫލުގައިވާ ގޮތުން އެސެޓް ޑިކްލެރޭޝަން ހާމަކުރުމަށް ހުށަހަޅައިފައިވާ ލިޔުންތައް އެ މީހަކު މަޤާމުގައި ނުވަތަ މެމްބަރުކަމުގައި ދެމިހުރިހާ ހިނދަކު، އަދި ވަކިވުމަށްފަހު 5 އަހަރު ދުވަހުގެ މުއްދަތަކަށް ބަލަހައްޓަންޖެހެއެވެ. އަދި އެއަށްފަހު އެ ލިޔެކިޔުންތައް ޤައުމީ އަރުޝީފާ ހަވާލުކުރަންޖެހެއެވެ.

މިއުސޫލަށް އޮޑިޓަރ ޖެނެރަލްއަށް ބަދަލު ގެނައުމުގެ ބާރު ދީފައިވާއިރު، މިއުސޫލަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.