ޚަބަރު

ޤައުމީ ކުތުބުޚާނާއަށް 75 އަހަރު



ޤައުމީ ކުތުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފްއެވެ. ތަފާތު ވައްތަރުގެ ފޮތްތަކާއި ދިވެހިންގެ ތާރީޚް އެނގިގެންދާނެ އެކި ފޮތްތައް މި ކުތުބުޚާނާއިން ލިބެން އެބަހުއްޓެވެ. ކުރިން ކުޑަތަނެއްގެ ގޮތުގައު ހިންގަމުން އައި މި ކުތުބުޚާނާގެ ޖާގަބޮޑުކޮށް ކުރިން ނުލިބޭ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެމުން އެބަގެންދެއެވެ.

ޤައުމީ ކުތުބުޚާނާ އުފައްދާފައިވަނީ 1940 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ ރާއްޖެ މިނިވަން ދައުލަތަކަށް ބަދަލުވުމުގެވެސް އެތައް އަހަރެއް ކުރިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓް ގެ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި މި ޢިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީ ގެ ނަމުންނެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުން މިދަނީ ޤައުމީ ކުތުބުޚާނާގެ 75 ފުރޭ އަލިމަސް ޔޫބިލްއެވެ. ޤައުމީ ކުތުބުޚާނާ ވެފައިވަނީ ދިވެހިބަހުގެ ފޮތްތަކުގެ އެންމެ މުއްސަނދި އެއް އަރުޝީފަށެވެ. އެތަނުގައި 10000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުއްޓެވެ.

ކުތުބުޚާނާއެއްގެ ޚިދުމަތް އެންމެ ފުރަތަމަ ދިވެހިންނަށް ތަޢާރަފްވެގެން ދިޔައީ އައްޝައިޚް ޙުސެއިން ޞަލާޙުއްދީން، ފަނޑިޔާރެއްގެ ގޮތުގައި ހުންނެވިއިރު، ފަނޑިޔާރު ގޭގައި އެމަނިކުފާނު ބެހެއްޓެވި ފޮތްހަރުގަނޑެއްގެ ސަބަބުންނެވެ. އެފޮތްހަރުގަނޑުގައި ބޮޑަށް ހިމަނާފައިވަނީ ހުޞައިން ޞަލާޙުއްދީންގެ ދަރިވަރެއްކަމަށްވާ ފެލިދޫ، އައްޝައިޚް ޙުސައިން، ގެ ފިޤުހު ފޮތްތަކެވެ.

ޤައުމީ ކުތުބުޚާނާ އަކީ ދިވެހިންގެ މަޢުލޫމާތުގެ ޚަޒާނާއަށް ވީއިރު، މިއީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ މަޢުލޫމާތާއި، އަހަރުން އަހަރަށް ހެދޭ އެކިކަހަލަ ދިރާސާތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިދޭ ތަނެވެ. ރާއްޖޭގައި ޝާއިޢުކުރެވޭ މުހިއްމު ލިޔުންތައް ކުތުބުޚާނާގައި ރައްކާކުރެވިފައިވެއެވެ.


ކުތުބުޚާނާއިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ލިބެމުންދާއިރު އަދިވެސް އެތަނުންދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ހެރިޓޭޖް މިނިސްޓްރީން ގެންދަވަނީ ކުރަމުންނެވެ. މިގޮތުން 2 އަހަރުގެ މެދުކެނޑުކަމަށް ފަހުގައި ކުޑަކުދިންގެ ލައިބްރަރީ މިހާރުވަނީ އަލުން ހުޅުވާފައެވެ. އެބައި އަލުން ހުޅުވިއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެން 1 ލައްކައަށްވުރެ ގިނަ ރުފިޔާގެ ފޮތްތައް ވަނީ އެތަނުގައި ބަހައްޓާފައެވެ.

މީގެ އިތުރުން ކުތުބުޚާނާއިން މިހާރު އަންނަނީ ދުވަސްވީ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މިގޮތުން މިހާރުވެސް ގިނަ ފޮތްތަކެއް ޑިޖިޓަލައިޒް ކުރެވިފައި ވާއިރު މިއަހަރު ނިމެންވާއިރަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެތަނުގެ އަމާޒަކެވެ. ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުހުސިން ވިދާޅުވީ ލައިބްރަރީ އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ފޮތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިއާއެކު ލައިބްރަރީ ބޭނުންކުރާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށެވެ. އަދި އަންނަ މަހު "ބުކް ފެއަރ"އެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ފޮތްނެރޭ ފަރާތްތަކަށް ފޮތް ލޯންޗް ކުރުމުގެ ހަފްލާ ލައިބްރަރީގައި ބޭއްވުމުގެ ފުރުޞަތު ހުޅުވާލާނަން. ލައިބްރަރީ އިތުރަށް މުއްސަނދި ކުރުމަށްޓަކައި ފޮތް ކިޔާ މީހުންނާއި ފޮތްކިޔުމަށް ޝައުގުވެރިވާ މީހުން އިތުރުކުރުމަކީވެސް ކުރަން ނިންމާފައިވާކަމެއް. ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން ގްރޫޕް ސްޑަޑީ ހަދާނެ ރޫމްއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް އެބަކުރަން. 12 ވަރަކަށް ކުދިންނަށް ތިބެވޭ ގޮތަށް އިންޓަރނެޓްއާއި ކޮމްޕިއުޓަތައް ފަދަ ވަސީލަތްތައް ހިމަނައިގެން.މިއހަރުގެ ފަހުކޮޅު އެ ޚިދުމަތްތައް ލިބެމުންދާނެ."ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޙުސިން ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާ ގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ޤައުމީ ކުތުބުޚާނާގެ ގޮފިތަކުން މީހުންނަށް މަޢުލޫމާތު އިތުރުކޮށްދީ، ޢިލްމީ އަދި ބިނާކުރަނިވި މުޖުތަމަޢެއް އުފެއްދުމެވެ.

ފޮތްތަކުގެ އިތުރުން އެކިއެކި އިޖްތިމާޢީ މައްސަލަތަކާބެހޭ ފޮތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ބެހޭ ލިޔުންތަކާއި، ނޫސްމަޖައްލާތައް ޤައުމީ ކުތުބުކޚާނާގައިވެއެވެ. މީގެ އިތުރުން، އިނގިރޭސިބަހާއި، ޢަރަބި ފޮތްތަކާއި، އުރުދޫ ބަހުން ލިޔެފައިވާ ފޮތްތައްވެސް ޤައުމީ ކުތުބުޚާނާއިން ކިޔާލަން ލިބޭނެއެވެ.

ޤައުމީ ކުތުބުޚާނާގައި ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެން އެކި މާއްދާތަކަށް ޚާއްޞަ ފޮތްތަކެއްވެސް ލިބެން އެބަހުއްޓެވެ. އޭގެތެރޭގައި އަދަބިއްޔާތާއި، ތާރީޚާއި، ހިސާބު ޢިލްމާއި، ތިމާވެށީގެ ޢިލްމުގެ އިތުރުން ފިލޯސަފީ އާއި އާޓް ހިމެނެއެވެ.

ޤައުމީ ކުތުބުޚާނާގެ 75 ވަނަ އަހަރު ފާހގަކުރަމުންދާއިރު ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމްއާއި ވަޒީރުން ދަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަމުންނެވެ.