މުނިފޫހިފިލުވުން

އަމީތާބުގެ ބަންގްލޯ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ފަށައިފި


އަމީތާބު ބައްޗަން އާއި ދަރިފުޅު އަބީޝެކް ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އެ އާއިލާ ދިރިއުޅޭގެ ކޮންޓެއިންމެންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ޑިސްއިންފްކްޝަންގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާގެ މެގަރސްޓަރ އަމިތާބަށް ކޯވިޑް ޖެހުނުކަން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. އަމިތާބު ބަލިޖެހުނު ކަން ހާމަކުރިތާ ވަގުތުކޮޅެއްގެ ތެރޭގައި ދަރިފުޅު އަބީޝެކްވެސް މި ބަލީގެ ޝިކާރައަކަށް ވީކަން ވަނީ ހާމަކޮށްފައެވެ. މި ދެބަފައިން މުމްބާއީގެ ނާނަވަތީ ހޮސްޕިޓަލް އައިސޮލޭޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލްތަކާއި ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެފައިވަނީ އަމިތާބާއއި އަބީޝެކްގެވެސް ހާލު ރަނގަޅުކަމަށެވެ.

އަމީތާބުގެ އަންހެނުން ޖަޔާ ބަޗަން އާއި އައިސްވަރިޔާ ރާއީވެސް ވަނީ ރޭ ޓެސްޓް ހަދާފައެވެ. އެހެންނަމަވެސް މި ދެމީހުންވެސް ވަނީ ބައްޔަށް ނެގެޓިވްވެފައެވެ. އެހެންނަމަވެސް އިތުރު ޓެސްޓްތައް ހަދަމުން އަންނަކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

އަމީތާބުގެ ދެބަފައިން ބައްޔަށް ޕޮޒިޓިވްވުމުން އެމީހުންގެ އައިލާ ދިރިއުޅޭ ބަންގްލޯ " ޖަލްސާ " ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ވަނީ އެ ޤައުމުގެ ހެލްތް މިނިސްޓްރީން ފަށާފައެވެ. އެގޭގެ ބޭރުގައި ފުލުހުން މިހާރު އަންނަނީ ފޯރިމަރަމުންނެވެ.
މީގެއިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ އެހެން މީހުންވެސް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގައި މާރިޗް މަހުގެ 25 ވަނަދުވަހު އިއުލާންކުރި ލޮކްޑައުންނާއި އެކު އުމުރުން 77 އަހަރުގެ އަމީތާބުވެސް ހުރީ އަމިއްލަ ގޭގައެވެ. އެހެންނަމަވެސް " ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ޕްރޮމޯޝަނަލް ކުއިޒް ޝޫޓްކުރަން އޭނާ ވަނީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމެއް ދާދި ފަހުން ގެއެށް ގެނެސްފައެވެ. އަދި ބައެއް އެހެން ޕްރޮގްރާމްތަކުގެ ޕްރޮމޮޝަނަލް ކްލިޕްތައްވެސް ވަނީ ގޭގައި ޝޫޓްކޮށްފައެވެ.

ބިގް ބީގެ ނަމުން މަޝްހޫރު އަމީތާބަށް ކޯވިޑް ޖެހުނުކަން ހާމަކުރުމުން ގިނަ ބަޔަކު އަންނަނީ ޝޯޝަލް މީޑިއާ މެދުވެރިކޮށް އަމީތާބަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އަމީތާބަށް އަވަސް ޝިފާއަކަށް އެދޭކަން ހާމަކުރައްވާފައެވެ.