ސިޔާސީ

ރައީސް ޔާމީންގެ ކެމްޕެއިނަށް ތައްޔާރުވުމުގެ މަހާސިންތާ


ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް އަންނަމަހު ބާއްވާ މަހާސިންތާ އަކީ ޕީޕީއެމް އިން ބާއްވާ ހަރަކާތެއް ނޫން ކަމަށާއި އެކަން އިންތިޒާމްކޮށް ބަލަހައްޓަނީ ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން ކަމަށް އެ އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު، އަދި މަހާސިންތާގެ މީޑިޔާ ކަންތައްތަކާއި ހަވާލުވެ ހުންނެވި އިބްރާހީމް މުއާޒް އަލީ ވިދާޅުވީ މިމަހާސިންތާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތީން އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. މުއާޒް ވިދާޅުވީ ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމުގެ މަހާސިންތާއެއް ދުރާލާ ބޭއްވުމުގެ މަޤްސަދަކީ 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގެ ތަޖުރިބާ ތަކަށް ބަލައި އެއަށްވުރެ ރަނގަޅު ކެމްޕެއިނެއް 2018 އަށް ކުރުން ކަމަށެވެ. މުއާޒް ވިދާޅުވީ މި މަހާސިންތާ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން މަހާސިންތާގެ ފުރަތަމަ ބުރު އަންނަ ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް މުއާޒް ވިދާޅުވިއެވެ.ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމުގެ މަހާސިންތާއެއް ބޭއްވުމަށް ތައްޔާރުވެފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި މިހާތަނަށް، 2018ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް ޢިއުލާނު ކުރައްވާފައެއް ނުވެއެވެ.