ވިޔަފާރި

ބޯޑަރު ހުޅުވާލުމުގެ ކުރިން އެމްއޭސީއެލްގެ މުވައްޒަފުން އެއަރޕޯޓް ސާފުކޮށްފި


ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ފަތުރުވެރިންނަށް ތަފާތު ރީތި ތަނަކަށް ހެދުމަށް އެމްއޭސީއެލްއިން މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތުގެ ދަށުން އެއަރޕޯޓުގެ މުވައްޒަފުން އިއްޔެ ވަނީ ޓާމިނަލް އޭރިއާ ސާފުކޮށް ކުލަލާފައެވެ.

މިމަސައްކަތަކީ އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާލިހްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމެކެވެ. އެކްޓިންގ އެމްޑީ އިސްވެ ވަނީ އެއަރޕޯޓް ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

އިއްޔެ ކުރިއަށްގެންދިޔަ އެއަރޕޯޓް ސާފުކުރުމުގެ ހަރަކާތުގައި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ ފަތުރުވެރިން އެންމެ ގިނައިން ޖަމާވާނެ ތަންތަން ވަނީ ސާފުކޮށްފައެވެ. އެގޮތުން ޓަމިނަލް ގޭޓުން އެތެރެއަށް ވަނުމުގެ ކުރިން އޮންނަ ސަރަހައްދު ހިމެނެއެވެ.

އެމްއޭސީއެލްއިން ބުނީ ބޯޑަރު ހުޅުވާލުމުގެ ކުރިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ތަފާތު ގޮތަކަށް ރާއްޖެއަށް މަރުޙަބާ ކިޔުމަށް ގިނަ ކަންތައްތަކެއް ކުރަމުންއަންނަކަމަށެވެ. އެގޮތުން އެއަރޕޯޓްގައި މޮނިއުމަންޓް ބެހެއްޓުމާއި، ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ތަސްވީރުތައް ބެހެއްޓުމާއި މިނޫންވެސް ގިނަ ކަންތައްތަކެއް ކުރަމުންއަންނަކަމަށެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެއާއެކު ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް ފަށަން ތައްޔާރުވެފައެވެ.