ވިޔަފާރި

ދުބާއީން 400 މިލިއަން ޑޮލަރުގެ ސިޓިމިއުލަސް ޕެކޭޖެއް


ކޯވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ފޫބެއްދުމަށް ދުބާއީން 400 މިލިއަން ޑޮލަރުގެ ސިޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

400 މިލިއަން ޑޮލަރުގެ ސިޓިމިއުލަސް ޕެކޭޖެއް ދުބާއީން ތަޢާރަފްކޮށްފައިވާއިރު، މިއީ ކޯވިޑްއާ ގުޅިގެން ފާސްކުރި 3 ވަނަ ޕެކޭޖެވެ. މިޕެކޭޖާއެކު ދުބާއީން ކޯވިޑްއާ ގުޅިގެން އިޤްތިޞާދަށް އެހީތެރިވުމަށް ކުރި ހޭދަ ވަނީ 1.7 ބިލިއަން ޑޮލަރަށް އަރާނެއެވެ.

ދުބާއީގެ ވަލީއަހްދު ހަމްދާން ބިން މުހައްމަދު އަލް މަޙްތޫމް ވިދާޅުވީ ދުބާއީން ފާސްކުރި 400 މިލިއަން ޑޮލަރުގެ ޕެކޭޖުން ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން، ތައުލީމީ ދާއިރާއަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ފީ ނުދެއްކޭ ފަރާތްތަކުގެ ޖޫރިމަނާ މަޢާފްކުރުމާއި، ސްކޫލްތައް ހިންގުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެއިތުރުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވިޔަފާރި ހިންގުމަށް ހިނގާ ޚަރަދުކުޑަކޮށް، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްވެސް ސްޓިމިއުލަސް ޕެކޭޖުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިޕެކޭޖްގެ ތެރެއިން ރެސްޓޯރަންޓްތަކާއި ސިޓީ ހޮޓާތަކުން އެކި ޚިދުމަތްތަކަށް ސަރުކާރަށް ދޭ ފީތައްވެސް 50 އިންސައްތަ ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތަށްވެސް މިޕެކޭޖްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދުބާއީގެ ސަރުކާރުން ވަނީ ނިންމާފައެވެ.