ޚަބަރު

ކުރީގެ މިނިސްޓަރ އަލީ ވަހީދާއި ގުޅުންހުރި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް


ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި ގުޅުން ހުރި ބައެއް ސާމާނު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އަލީ ވަހީދާއި ގުޅުންހުރި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، އަލީ ވަހީދަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުޤީޤުތަކާއި ގުޅިގެން ހެކި ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުން އަލީ ވަހީދު ވަކިކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކަކާއި ގުޅިގެންނެވެ. ފުލުހުން ރޭ ވަނީ އަލީ ވަހީދު ދިރިއުޅުއްވި ގެވެސް ރޭ ބަލައި ފާސްކޮށްފައެވެ.

ފުލުހުން ތަޙްޤީޤު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ދިރިއުޅުއްވާގެ ބަލާ ފާސްކޮށްފައި ވަނީ، ކޯޓް އަމުރެއްގެ ދަށުންނެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އަލީ ވަހީދު މަޤާމުން ވަކިކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ.