ޚަބަރު

އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމަށް ބަދަލު ގެނެސްފި


އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފިއެވެ. އައިޖީއެމްއެޗްގެ ނަރުހުން މާދަމާ ޑިއުޓީއަށް ނިކުތުމަށް ހަމަޖެހިފައިވަނީ އައު ޔުނީފޯމްގައެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން 2018ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެންވަނީ ޔުނީފޯމް ބަދަލުކޮށްފައެވެ. އޭރު ބަދަލުކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެއެވެ.

އަލަށް ބޭނުންކުރާ ޔުނިފޯމުގެ ކުލައަކީ ވެސް ވިލުނޫ ކުލައެވެ. އަދި މިހާރުގެ ޔުނިފޯމާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނެތަސް ކުލަ ތަންކޮޅެއް މަޑުވެފައި އެއްވެސް ޑިޒައިނެއް ނުހުންނާނެއެވެ. މިހާރު ބޭނުންކުރާ ޔުނީފޯމް ހުންނަނީ އަތް ކުރުކޮށެވެ. ބުރުގާގެ ގޮތުގައި ބޭނުންކުރަނީ ވެސް ވިލު ނޫކުލައިގެ ވަށް ބުރުގާއެވެ. ނަމަވެސް އާ ޔުނީފޯމުގެ އަތް ދިގުވެފައި، ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެކަމަށް ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި އެ ހޮސްޕިޓަލްގެ ނަރުހެއް މަޢުލޫމާތުދިނެވެ.

އެންމެ ކުރިން ނަރުހުން ބޭނުންކުރަމުން އައީ ހުދު ކުލައިގެ ޔުނީފޯމެވެ. ނަމަވެސް ފަހުން އައިޖީއެމްއެޗްއިން ވަނީ މަޑު ނޫކުލައިގެ ޔުނީފޯމަކަށް ބަދަލުކޮށްފައެވެ. މިއީ މިފަހުން އައިޖީއެމްއެޗުގެ ޔުނީފޯމް ބަދަލު ކުރި ތިން ވަނަ ފަހަރެވެ.