ޚަބަރު

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް އިތުރު އެހީތަކެއް ދީފި


ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއްތަކެތި މިއަދު ރަސްމީކޮށް ޙަވާލްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓަރ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ. މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި އައި.ސީ.ޔޫ އެނދާއި އައި.ސީ.ޔޫ ޤާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށްބޭނުންވާ ތަކެއްޗާއި 10،000 ޓެސްޓްކުރެވޭ ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެއެވެ.

މިއަދު ޙަވާލުކުރެވުނު އައި.ސީ.ޔޫ އާލާތްތަކާއިއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޤާއިމްކުރެވޭ އައި.ސީ.ޔޫތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް ޙެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ލިބެމުންއަންނަ އެހީތެރިކަމުގެ ތަފްޞީލްތައް ޙިއްސާކުރައްވައި އެޖަމިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ޢަރުވިންދު މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ޞިއްޙީ އިދާރާތަކުން ދޭއިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓެމުން ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މެދުނުކެނޑި ދަނީ ޓެސްޓްކިޓްތައް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖޫން މަހުގެ 29ވަނަ ދުވަހު ދިވެހިރާއްޖެއަށް "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަޙްލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ވެސް އެޖަމިއްޔާއިން ވަނީ ހަދިޔާކުރައްވާފައެވެ.