ބޮސްނިއާގެ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްލާ ހިންގި ބޮޑު ޤަތުލްއާމުފަދަ އިންސާނިޔާތާއި ޚިލާފު އަމަލެއް ތަކުރާރުވިޔަދީގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މީގެ 25 އަހަރުކުރިން ބޮސްނިއާގެ ސަރބަނިކްސާ އަވަށުގައި ސަރބިއާގެ ޕެލެމިލިޓަރީ ސިފައިން ހިންގި ޤަތުލްއާމަށް 25 އަހަރު ފުރުމާއި ގުޅިގެން ރައީސިލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ މި ޤަތުލްއާމްގައި މަރާލި ކުށެއްނެތް 8000ހަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ފިރިހެންކުދިންގެ މަތިން ހަނދާން އައު ކުރައްވާފައެވެ. އަދި މީގެ އިތުރުން މި ޤަތުލުއާމުގެ ތެރޭގައި މުސްލިމް ކުޑަކުދިންނާއި އަންހެނުންނަށް އިހާނެތިކޮށް ހިތާ ސާރބިއާގެ ސިފައިން ހިންގި ނަސްލު ނައްތާލުމުގެ އަމަލު ހުއްޓުވުމަށް ދުނިޔެ ނާކާމިޔާބުވުމަކީ ހިތާމަކުރައްވާކަމެއްކަމަށް ވިދާޅުވިއެވެ. މި ޤަތުލުއާމް ހުއްޓުވުމުގައި އދ އަދި މުޅިދުނިޔެއިންވެސް ނާކާމިޔާބުވެފައިވާއިރު، މިފަދަ ޙާލަތެއް މިހާރު ކުރިމަތިވިޔަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެގޮތުން މި ޤަތިލުއާމުގައި ޝަހީދުވި މުސްލިމުންގެ ހައްޤުގައިވެސް، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
Today marks the 25th anniversary of the brutal massacre of over 8000 Muslim men and boys at Srebrenica, Bosnia-Herzegovina. Even though the world failed to prevent the genocide, we must honour the memory of those slain by ensuring such crimes against humanity are never repeated.
— Ibrahim Mohamed Solih (@ibusolih) July 11, 2020
މީގެ 25 އަހަރުކުރިން 1995 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އ.ދ.ގެ ސަލާމަތީ މަޖިލީހުން، އެއީ އަމާން ޝަހަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ބޮސްނިޔާގެ ސްރެބަނިސާ އަށް، ބޮސްނިޔާގެ ސްރެބުންގެ ފައުޖުތަކެއް ހަމަލާދީ، ހިންގި ޤަތުލްއާމްއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިންގި އެންމެ ބޮޑު ޤަތުލްއާމްގެ ގޮތުގައި އދ އިން ސިފަކުރެއެވެ. ބޮސްނިއާގައި ހިންގި މި ޤަތުލްއާމްއާއި ދެކޮޅަށް ދިވެހިރާއްޖެއިން ވަނީ އެކިފަހަރުމަތިން އަޑުއުފުލާފައެވެ. އެގޮތުން ބޮސްނިއާގެ މުސްލިމުންނަށް އެހީވުމަށް ފަންޑެއްވެސް ޤާއިމުކޮށްގެން ވަނީ އެހީ ފޯރުކޮށްދީފައެވެ.