ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށްޓަކައި، އެ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭން ހަދާ ވަގުތީ އިމާރާތް ރޭވުމުގެ މަސައްކަތް ބާރަށް ކުރިއައްދާ ކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.ވެލާނާގެއާއި އިންވެގެން އޮންނަ ބިމުގައި ހަދަމުންދާ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް ތައްޔާރުކުރަމުންދަނީ، އެއިމާރާތަށް ބޭނުންވާ ދަނގަޑު ފަތިތަކާއި ޝީޓްތަށް ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް އެގައުމުން ރާއްޖެއަށް އެތެރެކޮށްގެނެވެ.ޕީ.އެސް.އެމް އަށް މައުލޫމާތު ދެއްވަމުން މާރިސް ކޮންޕެނީގެ އޮފިޝަލަކު ވިދާޅުވީ، ބޭނުންވެއްޖެ ހިނދެއްގައި ބައިތައް ވަކިކުރެވޭ ގޮތަށް އަތުރަމުންދާ އެ އިމާރާތް ހަދަމުންދަނީވެސް ހަމަ އެއް ކުންފުންޏަކުން ކަމަށާއި، ހަތަރު ފަންގިފިލާއަށް ހަދާ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގަވެސް ހަތަރު ކްލާސްރޫމާއި ފާޚާނަ ބަރިއެއްގެ އިތުރުން ލެބޯޓްރީފަދަ ތަންތަން ހުންނާނެކަމަށެވެ.މި ވަގުތީ އިމާރާތުގެ ސްޓްރަކްޗަރގެ މައިގަނޑު މެޓީރިއަލް މިހާރު ރާއްޖެ ގެނެވިފައިވާކަމަށާއި، އިމާރާތުގެ ފިނިޝިންގ އަށް ބޭނުންވާ ބައެއް ސާމާނު ޗައިނާއިން މާލެ ގެންއުމުގެ މަގުމަތީގައިވާކަމަށް މާރިސް ކުންފުނިން މައުލޫމާތުދެއެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އިސްމާއީލް ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ވަގުތީ އިމާރާތުގެ މަސައްކަތް ނިމި އެތަން މިނިސްޓްރީއާ ހަވާކުރާ ހިސާބުން ފެށިގެން ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަން ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގަނެވޭކަމަށެވެ. އަދި އުންމީދުކުރައްވަނީ ވީހާވެސް އަވަހަށް ވަގުތީ އިމާރާތް ނިމި ބޭނުންކުރެވެން ފެށޭގޮތްވުން ކަމަށާއި، މިހާރު ހުރި ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމަށްފަހު އެތަނުގައި އާ އިމާރާތެއް ހެދުމަށް ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެކަމަށް އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ މިހާރުވެސް ދަރުމަވަންތަ ސްކޫލު ބޭނުންކުރަމުންދަނީ، ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން ބައެއް ތަންތަން މަރާމާތުކޮށްގެން ކަމަށެވެ.ދަރުމަވަންތަ ސްކޫލްގެ އިމާރާތް ބާވެ، ކްލާސްރޫމްތަކާއި ބައެއް އެހެނިހެން ތަންތަނުގައި ރެނދުލުމުގެ ސަބަބުން އެފަދަތަންތަން ބޭނުންނުކޮށް އެސްކޫލްގައި ކިޔަވައިދެމުންދަނީ ކަމާބެހޭ ފަންނީ ބޭފުޅުން ލަފާދީފައިވާ އެސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައި ދަރިވަރުން ދެދަންފަޅިއަށް ބަހާލައިގެންނެވެ.