ޚަބަރު

މާލީގައި ކުރާ މުޒާހަރާތައް ހޫނުވެ، ސަރުކާރުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް


މާލީގެ ރައީސް އިބްރާހިމް ބޫބަކަރު ކެއިތާގެ އިސްތިޢުފާއަށް ގޮވާލައި މުޒާހަރާ ކުރަމުންދިޔަ މީހުން އެ ޤައުމުގެ ދަޢުލަތުގެ ޓީވީއާއި ޤާނޫނުހަދާ މަޖިލީސް ހިޞާރުކުރަން މަސައްކަތްކޮށްފިއެވެ.

2018ވަނަ އަހަރު މާލީގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ކެއިތާވަނީ ފަސް އަހަރުގެ އިތުރު ދަޢުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ. ނަމަވެސް ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ މީހުންގެ ޙަމަލާތައް އެ ޤައުމުގައި އިތުރުވެ، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާމެދު ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހިފައެވެ. މާރިޗު މަހުގައި ބޭއްވި ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފެދި، ޖޫން މަހުން ފެށިގެން އެ ޤައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މަދަނީ ބަސްނޭހުން ޚިޔާރުކޮށް މާލީގެ ރަސްމީ އިދާރާތަކަށްވަދެ އެ ތަންތަން ހިޞާރުކުރުމަށް އިދިކޮޅުގެ ސިޔާސީވެރިންވަނީ ޢާންމުންނަށް ގޮވައިލައިފައެވެ.

މާލީގެ ވެރިރަށް ބަމަކޯގައި ހުންނަ ދަޢުލަތުގެ ޓީވީ ހިންގާ އިމާރާތަށް އެތައް ސަތޭކަ މީހުން ގަދަބާރުން ވަނުމުން ޓީވީގެ ޓްރަންސްމިޝަންވަނީ މެދުކަނޑައިލާފައެވެ. އިދިކޮޅު އިއްތިޙާދުން ރާވައިގެން ބޭއްވި މުޒާހަރާތަކުގެ ބައިވެރިންވަނީ ވެރިކަންކުރާ ރަށުގެ މައި ދެ ފާލަމެއްވެސް ހިޞާރުކުރަން މަސައްކަތްކޮށްފައެވެ. މުޒާހަރާތައް ހުއްޓުވުމަށް މާލީގެ ފުލުހުންވަނީ ބަޑި ޖަހައި ކަރުނަގޭސް ބޭނުންކޮށްފައެވެ.

ރައީސް ކެއިތާގެ އިސްތިޢުފާއަށް ގޮވައިލުމުގައި މުޒާހަރާގައި އިސްކޮށް ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ރައީސް ކެއިތާ އިސްތިޢުފާ ދެއްވައިފިނަމަ ޤައުމަށް ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ނަމަވެސް ޤައުމުގެ ހިންގުމަށް ހެޔޮ ބަދަލެއް ގެންނަން އެ މީހުންވެސް ބޭނުންވެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރައީސް އިސްތިޢުފާ ދެއްވުމުން ނޫނީ ހަމަނުޖެހުންތަކެއް ނުހުއްޓޭނެއެވެ.