ޚަބަރު

ރޭޕުގެ ތުހުމަތުކުރެވޭ ވަޒީރަކާ ދެކޮޅަށް ފަރަންސޭސިވިލާތުގައި މުޒާހަރާކުރަނީ


ރޭޕުގެ ތުހުމަތު ކުރެވޭ ފަރަންސޭސިވިލާތުގެ ވަޒީރަކާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ނުރުހުން ފައުޅުކޮށް މުޒާހަރާކުރަން ފަށައިފިއެވެ.

ދާދި ފަހުން އެކުލަވާލި ފަރަންސޭސިވިލާތުގެ ސަރުކާރުގެ ދާޚީލީ ވަޒީރުގެ މަޤާމަށް އިސްކޮށްފައިވަނީ ކުރިން ބަޖެޓު ވަޒީރުކަންކުރެއްވި ޖެޚާލްދު ދަޚްމަނަންނެވެ. ރޭޕުގެ ތުހުމަތެއް ކުރެވި އެކަން ބަލަމުންދާ ދަނޑިވަޅެއްގައި ކުރިއަށްވުރެ ބޮޑު މަސްޢޫލިއްޔަތެއް އޭނާއާ ހަވާލުކުރުމުން ގިނަ ޢަދަދެއްގެ މީހުން ދަނީ އެކަމާ ނުރުހުން ފައުޅުކޮށް މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކުގައި ފަރަންސޭސިވިލާތުގެ އެކި ސަރަޙައްދުތަކުން އެތައް ހާސް މީހުންވަނީ ބައިވެރިވެފައެވެ.

2009ވަނަ އަހަރު މީހަކު ރޭޕުކުރި ތުހުމަތުތައް ދަޚްމަނަންވަނީ ދޮގުކުރައްވާފައެވެ. އޭނާއާ ދެކޮޅަށް އުފުލި ދަޢުވާވަނީ 2018ވަނަ އަހަރު އަނބުރާ ގެންގޮސްފައެވެ. ނަމަވެސް މި އަހަރު ކުރީކޮޅު އިސްތިޢުނާފުގެ ޝަރީއަތުގެ މަޖިލިހުގައި އެ ތުހުމަތުތައް އަލުން ތަހުޤީގުކުރަންވަނީ އަންގައިފައެވެ. މުޒާހަރައިގެ ބައިވެރިން ބުނީ ދާޚިލީ ވަޒީރުގެ މަޤާމަށް ދަޚްމަނަން އިސްކުރުމަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ކުރެވޭ މަލާމާތެއްކަމަށެވެ.

ފަރަންސޭސިވިލާތުގެ އަދުލުއިންސާފާބެހޭ ވަޒީރު އެރިކު ޑުޕޮންޓު މޮރެއްޓީ އައްޔަނުކުރުމުންވެސް ސަރުކާރަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މޮރެއްޓީއަކީ ޖިންސީ އަނިޔާއާ ދެކޮޅަށް ހިންގާ ޙަރަކާތްތަކަށް ފާޑުވިދާޅުވާ ބޭފުޅެއްކަމަށް މުޒާހަރާގެ ބައިވެރިންވަނީ ފާހަގަކޮށްފައެވެ. ސަރުކާރުން އެ ވަޒީރުން ވަކިކުރުމަށް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލައިފައެވެ.