މިޞްރުގެ ސަރަޙައްދީ ރޮނގު ހުޅުވާލުމުން މިހާތަނަށް 6،000އަށްވުރެ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ބަންދުކޮށްފައި އޮތުމަށްފަހު މިޞްރުގެ ތިން ސަރަޙައްދެއްވަނީ މި މަހު ފަތުރުވެރިންނަށް ހުޅުވައިލައިފައެވެ. އޭގެ ތެރޭގައި އަލްޣަރްދަޤާއި ޝަރަމުލް ޝައިޚާއި މަރްސާ މަރުޠޫޙު ހިމެނެއެވެ. މިޞްރަށް ޒިޔާރަތްކުރި އެއްވެސް ފަތުރުވެރިއެއްގެ ކިބައިން ކޯވިޑް-19ގެ އަސަރު ފެނިފައިނުވާކަމަށް އެ ޤައުމުން ބުނެއެވެ.
މިޞްރުގެ ފަތުރުވެރިކަމާއި ތަރިކައާބެހޭ ވުޒާރާގެ ތަރުޖަމާނެއްކަމަށްވާ ސުހާ ބަހުގާތު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މެދުކަނޑައިލި ބައިނަލްއަޤުވާމީ ވައިގެ ދަތުރުތައް އަލުން ފެށުމުން ގިނަ ޢަދަދެއްގެ ފަތުރުވެރިން އެ ޤައުމަށް ދަތުރުކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި ގިނައީ ސުވިޓްޒަލެންޑާއި ޔުކްރެއިނާއި ބެލަރޫސުން ދަތުރުކުރާ ފަތުރުވެރިންނެވެ. ސުހާ ވިދާޅުވީ އެ ޤައުމަށް ދަތުރުކުރަމުންދާ ފަތުރުވެރިންގެ ޢަދަދު ދޭހަކޮށްދެނީ ކޯވިޑް-19ން ރައްކާތެރިވުމަށް ސަރުކާރުން އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކާމެދު އޮތް އިތުބާރުކަމަށެވެ. އޭނާ ވިދާޅުވީ ފަތުރުވެރިން ޒިޔާރަތްކުރުން ބަރޯސާވަނީ އެ މީހުން ދިރިއުޅޭ ޤައުމުތަކުން ޢަމަލުކުރަމުންދާ ޤަވައިދުތަކުގެ މައްޗަށްކަމަށެވެ. އަދި އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް މިޞްރުގެ ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މިޞްރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 60 އިންސައްތަ ނިޞްބަތްވަނީ ވިލާތުގެ ޤައުމުތަކަށެވެ. ދެ މިލިއަނެއްހާ ފަތުރުވެރިން މިދިޔަ އަހަރު ޖަރުމަނުވިލާތުން އެ ޤައުމަށް ޒިޔާރަތްކުރިއެވެ. އަދި ޔުކްރެއިނުން 1.5 މިލިއަން ފަތުރުވެރިންވަނީ މިޞްރަށް ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މިޞްރުގެ ޤަދީމީ ތާރީޚު ދައްކުވައިދޭ އިތުރު މައުރަޒުތަކާއި ބިނާކޮށް ކޯވިޑް-19 ފެތުރުމުގެ ކުރިން އެ ޤައުމުގެ ފަތުރުވެރިކަން އޮތް ޙާލަތަށް އަލުން ރުޖޫޢަކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާކަމަށް އެ ޤައުމުގެ ފަތުރުވެރިކަމާއި ތަރިކައާބެހޭ ވަޒީރު ޚާލިދު އަލްއަނާނީވަނީ ވިދާޅުވެފައެވެ.