އާސާރީ ތަރިކަައިގެ ލިސްޓުގައި ހިމެނޭ މަޝްހޫރު ބިނާއެއްކަމަށްވާ އަޔާ ސޮފިޔާއަކީ މިސްކިތެއްގެ ގޮތުގައި ތުރުކީވިލާތުގެ ސަރުކާރުން ކަނޑައެޅުމުން ގުޅިގެން އދގެ ތަރިކައާބެހޭ އިދާރާކަމަށްވާ ޔުނެސްކޯއިންނާއި ހުޅަނގުގެ ޤައުމުތަކުން ހިތްހަމަނުޖެހުން ފައުޅުކޮށްފިއެވެ.
1934ވަނަ އަހަރު ތުރުކީވިލާތުގެ ސަރުކާރުން ނެރުނު ޤަރާރެއްގެ ދަށުން ފާއިތުވި އަހަރުތަކުގައި އަޔާ ސޮފިއާ ބޭނުންކޮށްފައިވަނީ ދާރުލްއާސާރެއްގެ ގޮތުގައެވެ. ނަމަވެސް އެ ޤަރާރުވަނީ އެ ޤައުމުގެ އެންމެ މަތީ ކޯޓުން ބާޠިލުކޮށްފައެވެ. އެއާއެކު އެ ބިނާއަކީ މިސްކިތެއްކަމުގައި ކަނޑައަޅުއްވައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންވަނީ އެ ނިންމުން އިޢުލާނުކުރައްވާފައެވެ.
ޔުނެސްކޯގެ އާސާރީ ތަރިކަައިގެ ލިސްޓުގައި ހިމެނޭ އަޔާ ސޮފިޔާގައި ޖުލައި މަހުގެ 24ވަނަ ދުވަހުން ފެށިގެން ނަމާދުކުރަން ފަށާނެކަމަށް ރައީސް އުރުދުޣާންވަނީ ވިދާޅުވެފައެވެ. ރައީސްގެ އިޢުލާނަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ މިސްކިތުގައިވަނީ ބަންގި ގޮވައިފައެވެ. އަދި ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ އެ ސަރަޙައްދަށް އެއްވެ އުފާފައުޅުކޮށްފައެވެ.
މީގެ 1500އަހަރު ކުރިން ބިނާކުރި އަޔާ ސޮފިޔާ އެންމެ ފުރަތަމަ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 1453ވަނަ އަހަރެވެ. އެއަށްފަހު 1931ވަނަ އަހަރު އެ މިސްކިތްވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. 1934ވަނަ އަހަރު އެ މިސްކިތަކީ ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅުމުން ތުރުކީވިލާތުގައި އެންމެ މަޤުބޫލު އަދި ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ބިނާއަކަށް އެ ތަންވަނީ ވެފައެވެ. އަހަރެއްގެ ތެރޭގައި 3.7 މިލިއަން މީހުން އެ އަޔާ ސޮފިޔާ ޒިޔާރަތްކުރެއެވެ.
ޔުނެސްކޯއިން ބުނީ ތުރުކީވިލާތުގެ ނިންމުމާމެދު ހިތާކުރާކަމަށެވެ. މިސްކިތާ ގުޅޭގޮތުން އަވަހަކަށް މަޝްވަރާކުރުމަށް އެ ޖަމުޢިއްޔާއިންވަނީ ގޮވައިލައިފައެވެ. އެ ނިންމުމާމެދު ހުޅަނގުގެ ގިނަ ޤައުމުތަކަކުންވެސްވަނީ ނުރުހުން ފައުޅުކޮށްފައެވެ. ވިލާތުގެ އިއްތިޙާދުންނާއި އެމެރިކާއިންވެސްވަނީ އެ ނިންމުމާމެދު ހިތާމަކުރާކަމަށް ބުނެފައެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ގުރީސުންނާއި ރަޝިޔާއިންވެސްވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ ނިންމެވުން ދިފާޢުކުރައްވާ ރައީސް އުރުދުޣާން ވިދާޅުވީ އަޔާ ސޮފިޔާ މިސްކިތަކަށް ބަދަލުކުރުމަކީ ތުރުކީވިލާތަށް ލިބިގެންވާ ހައްޤެއްކަމަށެވެ.