ވިޔަފާރި

އެމިރޭޓްސްއިން 9000 މުވައްޒަފުން ވަކިކުރަނީ


ކޯވިޑް19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުމުގެ ސަބަބުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއަރލައިންކަމަށްވާ ދުބާއީގެ އެމިރޭޓްސްއިން 9000 ވަޒީފާ މަދުކުރުމަށް ނިންމައިއެވެ.

ކޯވިޑްގެ ކުރިން 60 ހާސް މުވައްޒަފުން އެމިރޭޓްސްގައި މަސައްކަތްކުރަމުންދިޔައިރު، މިއީ އެމިރޭޓްސްއިން މުވައްޒަފުން މަދުކުރުމަށް ނިންމާ، އެކަން އިޢުލާންކުރި ފުރަތަމަ ފަހަރެވެ.

އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ބުނީ މީގެކުރިންވެސް ބައެއް މުވައްޒަފުން މަދުކޮށްފައިވާކަމަށާއި ނަމަވެސް އަދިވެސް އިތުރު މުވައްޒަފުން މަދުކުރަންޖެހޭކަމަށެވެ. އެގޮތުން އެއަރލައިންގެ 15 އިންސައްތަ މުވައްޒަފުން ނުވަތަ 9 ހާސް މުވައްޒަފުން ވަކިކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑްގެ ސަބަބުން ބައެއް އެއަރލައިންތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހުނަސް، އެމިރޭޓްސްގެ ރައީސް ވިދާޅުވީ އެހެން އެއަރލައިންތަކާ އަޅާބަލާއިރު އެމިރޭޓްސްއަށް ލިބުނު ގެއްލުން ކުޑަކަމަށެވެ.

ކޯވިޑްގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓި، އެއަރލައިންތަކުގެ ވިޔަފާރި އަޑި އަޅާލާފައިވާއިރު، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނާގޮތުން އެއަރލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިދާނެއެވެ. އަދި ވަޒީގާ ގެއްލުނު މީހުންގެ އަދަދު 1 މިލިއަނަށް އަރާނެކަމަށްވެސް އަޔާޓާއިން ލަފާކުރެއެވެ.