ޚަބަރު

ފިލި 8 ބިދޭސީއަކު ހޯދަނީ


ފުރަބަންދާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުން ފިލި ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް އުޅޭތީ އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ ޖުމްލަ 8 މީހަކު ހޯދަން ފުލުހުން ޢިއުލާންކޮށްފިއެވެ.

މިކަމުގައި ހިމެނޭ 8 ބިދޭސީންގެ ނަމާއި ފޮޓޯ އަދި ނިސްބަތްވާ ޤައުމު ފުލުހުން އާންމުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނޭ 8 މީހުންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. މި މައްސަލަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިލައްވާފައެވެ.

ރާއްޖެއިން މިހާތަނަށް 2,553 މީހުން ކޯވިޑް19 އަށް ޕޮޒިޓިވެފައިވާއިރު، އޭގެތެރެއިން ގިނައީ ބިދޭސީންނެވެ. އަދި އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.