ޚަބަރު

ބޮލީވިއާގެ ރައީސަށް ކޯވިޑް-19 ޖެހިއްޖެ


ބޮލީވިއާގެ ރައީސް ޖެނީން އަނޭޒަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ކޯވިޑް-19 ޖެހިފައިވާކަން ކަށަވަރުކޮށްދެއްވާ ރައީސް އަނޭޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ހާލުކޮޅު ރަނގަޅުކަމަށާއި އެކަހެރިވެވަޑައިގެން ހުންނަވާ މަޤާމުގެ މަސްޢޫލިއްޔަތު ޢަދާކުރައްވާނެކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ކޯވިޑް-19ން އަރައިގަނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮލީވިއާގެ ޞިއްޙަތާބެހޭ ވަޒީރު ހިމެނޭގޮތަށް ހަތް ވަޒީރަކަށް ކޯވިޑް-19 ޖެހިފައިވާކަން އެ ޤައުމުގެ ސަރުކާރުންވަނީ މީގެ ކުރިން ޔަޤީންކޮށްދީފައެވެ. ކޯވިޑް-19އަށް ރައީސް އަނޭޒު ތަހުލީލުކުރެއްވީ އޭނާއާއެކު މަސައްކަތްކުރައްވާ ގިނަ ޢަދަދެއްގެ މީހުން ބަލިވުމުންނެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި އިނގިރޭސިވިލާތުގެ ވަލީއަޙުދު ޗާލްސާއި ރަޝިޔާގެ ބޮޑުވަޒީރު މިޚައިލު މިޝުސްޓިނާއި މޮނާކޯގެ ޕްރިންސް އެލްބަޓުގެ އިތުރުން ގިނަ ޤައުމުތަކެއްގެ ވަޒީރުންނާއި އަރިސް ބޭފުޅުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ބްރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯއަށް ބަލިޖެހިފައިވާކަންވެސް މި ހަފުތާގައި އޭނާވަނީ ވިދާޅުވެފައެވެ.