ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ސޯލުގެ މޭޔަރު އަވަހާރެވަފައި އޮއްވާ ފެނިއްޖެ


ދެކުނު ކޮރެޔާގެ ވެރިރަށް ސޯލުގެ މޭޔަރު ޕަކް ވޮން ސޫން އަވަހާރަވެފައި އޮއްވާ ފެނިއްޖެއެވެ.

މޭޔަރު ގެއްލިގެން އޭނާގެ އަންހެން ދަރިފުޅުވަނީ ޖުލައި މަހުގެ 9ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް އެކަން އަންގައިފައެވެ. ޕަކް ގެއްލިފައިވާކަމަށް އަންގާފައިވަނީ އޭނާގެ ކުރީގެ ސެކެޓްރީއަކަށް ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ބުނެ އޭގެ ކުރީ ދުވަހު މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. ޕަކް ގެއްލުނު ދުވަހު އޭނާ މަސައްކަތަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އަދި އެ ދުވަހަށް ރާވާފައިވާ ހުރިހާ ބައްދަލުވުންތަކެއްވަނީ ނުބާއްވަން ނިންމައިފައެވެ. ދަބަހެއް އަޅުއްވައިގެން އޭނާގެ ގެއިން ނުކުމެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 10.40 ހާއިރުއެވެ. އެއީ އޭނާ އެންމެ ފަހުން ފެނުނު އިރެވެ.

2011ވަނަ އަހަރުން ފެށިގެން ސޯލުގެ މޭޔަރުކަން ކުރައްވަމުންދިޔަ ޕަކް ހޯދުމަށް ފުލުހުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާގެ ފޯނުގެ ސިގްނަލު އެންމެ ފަހުން ލިބުނު ސޯލުގެ އުތުރުގެ ސަރަޙައްދެއްކަމަށްވާ މައުންޓު ބުގަކު ބެލުމުގައި 600އަށްވުރެ ގިނަ ފުލުހުންވަނީ ޙަރަކާތްތެރިވެފައެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ޑްރޯނާއި ކުއްތާ ބޭނުންކޮށްގެން ފެށިތާ ހަތް ގަޑިއިރު ފަހުންނެވެ. އޭނާ މަރުވި ސަބަބު ފުލުހުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ޕަކުގެ މޭޒުގައި ބާއްވަވާފައިވާ ނޯޓެއް ފުލުހުންވަނީ ޢާންމުކޮށްފައެވެ. އެ ނޯޓުގައި ޕަކުވަނީ ހުރިހާ އެންމެންގެ ކިބައިން މަޢާފަށް އެދޭކަމަށާއި ޙަޔާތުގައި އޭނާއާއެކު ބައިވެރިވި ހުރިހާ އެންމެންނަށް ޝުކުރު ޢަދާކުރައްވާކަމަށް ވިދާޅުވެފައެވެ.