ޚަބަރު

ސަރުކާރުގެ އެޕްލިކޭޝަންތަކަށް ސަޕޯޓް ފޯރުކޮށްދެވޭގޮތް ހެދުމުން ޒުވާނުންނަށް މަންފާލިބޭނެ - މިނިސްޓަރ މަލީހް


ސަރުކާރުގެ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ސަޕޯޓް ފޯރުކޮށްދެވޭ ގޮތް ހެދުމަކީ ރަށުގައި ތިބެގެން ޒުވާނުންނަށްވެސް މާލީ މަންފާ ހޯދޭނެ މަގެއްކަމަށް މިނިސްޓަރ އޮފް ކޮމިއުކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އެން.ސީ.އައި.ޓީން ޑިވެލޮޕްކޮށް ބަލަހައްޓަމުން ގެންދާ ދައުލަތުގެ ސިސްޓަމްތަކުގެ ކޯޑް ބޭސް ޕްރައިވެޓް ކުންފުނިތަކާ ހަވާލު ކޮށްގެން ޑިވެލޮޕްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅިގެންނެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަ ފަހަރަށް އެންސީ.އައި.ޓީގެ ޑިވެލޮޕްމަންޓް އެންޑް ޓްރޭނިންގް އެންވަޔަރަންމަންޓްގައި ހުރި ސަރުކާރުގެ އޮފީހެއްގެ ސިސްޓަމެއް އިތުރަށް ތަރައްޤީކުރުމަށް ދިވެހި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކުންފުންޏަކަށް އެ ސިސްޓަމްގެ ސޯސްކޯޑަށް އެކްސެސް ކުރެވޭނެގޮތް އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

މިކަމުގެ ސަބަބުން އެން.ސީ.އައި.ޓީން ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރަށް ބޭނުންވާ ކޮމްޕޯނަންޓްތައް އެ އޮފީހަކުން ޑިވެލޮޕްމަންޓް ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްޤީ ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެން.ސީ.އައި.ޓީގެ ސިޔާސަތައް ގެނައި ބަދަލަކީ މި ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށާއި ވިޔަފާރިތަކަށް ހުޅުވޭ ފަހި ފުރުސަތެއް ކަމުގައި މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

އެންސީއައިޓީން ފުރަތަމަ ފަހަރަށް ވަނީ ޑިވެލޮޕްމަންޓް އެންވަޔަރަންމަންޓްގެ އެކްސެސް، ޓެރަބައިޓް ޕްރައިވެޓް ލިމިޓެޑަށް ދީފައެވެ. ޓެރަބައިޓް ކުންފުންޏަކީ މިނިސްޓްރީ އޮފް ޑިފެންސްގެ މަކުޑި ސިސްޓަމްގެ އޮންލައިން ޕޯޓަލް ޑިވެލޮޕް ކޮށްދީފައިވާ ފަރާތެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ހަދަމުންދާ ކޮމްޕޯނަންޓެއްގެ ގޮތުގައިކަމަށް މިނިސްޓްރީ އޮފް ކޮމިއުކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއެވެ.