ޚަބަރު

ސޫރިޔާއަށް އެހީ ފޯރުވުމަށް ދަތިކުރުމަށް ރަޝިޔާއިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ


ތުރުކީވިލާތް މެދުވެރިކޮށް ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ މަގުތަކުގެ ޢަދަދު މަދުކުރުމަށް ރަޝިޔާއިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.

ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާއިތުވި ހަ އަހަރު ދުވަހު ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުގެ ދަށުން ތުރުކީވިލާތުގެ މަގުތައް ބޭނުންކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ޙުއްދަ ދީފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ. ސޫރިޔާއަށް ތުރުކީވިލާތުގެ ދެ މަގަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙުއްދަ އިތުރު އެއް އަހަރު ދުވަހަށް ދިނުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ރަޝިޔާއާއި ޗައިނާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ. އެހެން ޤައުމަކުންވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. ސަލާމަތީ މަޖިލީހުން ހަށަހެޅުމެއް ފާސްކުރެވޭނީ މެންބަރު 15 ޤައުމުގެ ތެރެއިން 9 ޤައުމުގެ ތާޢީދު ލިބިގެންނެވެ. ނަމަވެސް އެއްވެސް ހުށަހެޅުމަކަށް މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ރަޝިޔާއާއި ޗައިނާއާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ދެކޮޅު ހަދައިފިނަމަ އެ ހުށަހެޅުމެއް ފާހެއް ނުކުރެވޭނެއެވެ.

އެއް އަހަރު ދުވަހަށް ޙުއްދަ އިތުރުކުރުމުގެ ހުށަހެޅުމަށް ދެކޮޅުހެދުމަށްފަހު ރަޝިޔާއިންވަނީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ މަގެއް ބޭނުންކުރުމުގެ ޙުއްދަ ކުރިއަށް އޮތް ހަ މަސް ދުވަހަށް ދިނުމަށް ހުށަހަޅައިފައެވެ. ނަމަވެސް އެ ހުށަހެޅުމަށް ތާޢީދުކުރީ އެންމެ 4 ޤައުމަކުންނެވެ. ބެލެވޭ ގޮތުގައި ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތުގެ ދެ މަގެއް ބޭނުންކުރުމުގެ ޙުއްދަ ހަ މަސް ދުވަހަށް ދިނުމަށް ހުށަހަޅާނެއެވެ.