ޚަބަރު

ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި އެހެން ޤައުމުތަކުގެ ޢަމަލީ ބައިވެރިވުން ބޮޑު: އދ


ބޭރު ޤައުމުތަކުގެ ބައިވެރިވުމުގެ ސަބަބުން ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް އައު ހަރުފަތަކަށް ގޮސްފައިވާކަމަށް އދން ބުނެފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޮނިއޯ ގުތޭޚެޝް ވިދާޅުވީ މީގެ ކުރިން ފޯރާފައިނުވާ މިންވަރަށް ބޭރު ޤައުމުތަކުގެ ނުފޫޒު ލީބިޔާގެ ހަމަނުޖެހުމުގެ ތެރެއަށް ފޯރާފައިވާކަމަށެވެ. ގުތޭޚެޝް ވިދާޅުވީ އެހެން ޤައުމުތަކުން ޒަމާނީ ހަތިޔާރާއި ކުލީ ސިފައިން ލީބިޔާއަށް ފޮނުވަމުންދާކަމަށެވެ.

ލީބިޔާގެ ޙާލަތާ ގުޅޭގޮތުން ކަނބޮޑުވުން ފާޅުކުރައްވާ ގުތޭޚެޝް ވިދާޅުވީ ލީބިޔާގެ އިރުމައްޗާއި ހުޅަނގާ ދެމެދު އޮންނަ ސިރުތުގެ ސަރަޙާއްދުގައި ބިދޭސީ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދަނީ އދގެ ހަތިޔާރު ވިއްކުން މަނާކުރާ މުއާޙަދާއާއި ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފަށްކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އޭޕްރިލް މަހާއި ޖޫންމަހާ ދެމެދު ހަމަނުޖެހުންތަކުގައި ޢާންމުންގެ 102 މީހުން މަރުވެފައިވާކަމަށާއި 254 މީހުންނަށް ޒަޚަމްވެފައިވާކަން އދގެ އިދާރާތަކުން ފާހަގަކޮށްފައިވާކަމަށެވެ. އެއީ މި އަހަރުގެ ފުރަތަމަ މަހަށްވުރެ 172 އިންސައްތަ އިތުރު ޢަދަދެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޞިއްޙީ ފަރުވާ ދޭ މަރުކަޒުތަކާއި ޞިއްޙީ ޚިދުމަތްތެރިންނަށް ޢަމާޒުކޮށް 21 ޙަމަލާއެއް ދީފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

2014ވަނަ އަހަރުން ފެށިގެން ލީބިޔާ އޮތީ ދެބަޔަކަށް ބެހިފައެވެ. އެއީ އދން ބަލައިގަންނަ ލީބިޔާގެ ސަރުކާރުކަމަށްވާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިޔަން ނޭޝަނަލް އާމީ، އެލްއެންއޭއެވެ. ލީބިޔާގެ ވެރިރަށް ތުރާބުލުސްއާއި ހުޅަނގު އުތުރުގެ ސަރަޙައްދުތައް އޮތީ ސަރުކާރުގެ ބާރުގެ ދަށުގައެވެ. އިރުމަތީ ސަރަޙައްދުތައް އޮތީ ޙަފްތާރުގެ ބާރުގެ ދަށުގައެވެ. ޙަފްތާރަށް ވާގިވެރިވަނީ ޔޫއޭއީއާއި މިޞްރާއި ރަޝިޔާއިންނެވެ. ލީބިޔާގެ ސަރުކާރަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ.

ކުލީ ސިފައިން ފޯރުކޮށްދޭ ރަޝިޔާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ވެގްނާ ގުރޫޕުގެ 1،200އަށްވުރެ ގިނަ ކުލީ ސިފައިން ލީބިޔާގައި ޙަރަކާތްތެރިވަމުންދާކަމަށް ސަލާމަތީ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅާފައިވާ ސިއްރު ރިޕޯޓެއްގައިވަނީ ފާހަގަކޮށްފައެވެ. 2018ވަނަ އަހަރުގެ އޯގަސްޓުމަހާއި 2019ވަނަ އަހަރުގެ އޯގަސްޓުމަހާ ދެމެދު ވެގްނާ ގުރޫޕާ ގުޅުންހުރިކަމަށް ބެލެވޭ 24 މަތިންދާބޯޓު ރަޝިޔާއާއި ލީބިޔާއާ ދެމެދު ދަތުރުކޮށްފައިވާކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. ކުލީ ސިފައިންގެ ގޮތުގައި ލީބިޔާގައި ޙަރަކާތްތެރިވާ 122 މީހުންނާ ބެހޭ މަޢުލޫމާތުވެސް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ރަޝީޔާއިން އދއަށް ކަނޑައަޅާފައިވާ ސަފީރު ވަސިލީ ނިބިންޖަވަނީ އެ ޤައުމުގެ ބައިވެރިވުން ލީބިޔާގައި އޮންނަކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އެހެން ޤައުމުތަކުގެ ސިފައިން ލީބިޔާގައި ޙަރަކާތްތެރިވާކަން އެނގޭކަމަށާއި އޭގެ ތެރޭގައި ލީބިޔާގެ މައްސަލައިގައި ރަޝިޔާއަށް ތުހުމަތުކުރާ ޤާއުމުތައްވެސް ހިމެނޭކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީރު އަންވަރު ގަރުގާޝް ވިދާޅުވީ ސޫރިޔާގެ 10،000 ކުލީ ސިފައިން ލީބިޔާގައި ޙަރަކާތްތެރިވާކަމަށައި އެއީ މީގެ ހަ މަސް ދުވަސް ކުރިން ޙަރަކާތްތެރިވި ހަނގުރާމަވެރިންގެ ޢަދަދަށްވުރެ ދެގުނަ އިތުރު ޢަދަދެއްކަމަށެވެ. ލީބިޔާގެ މައްސަލައިގައި ކުރިއަށް އޮތް ތަނުގައި ޢަމަލީގޮތުން ބައިވެރިވާނެކަމުގެ އިންޒާރު މިޞްރުންވެސްވަނީ ދީފައެވެ.