ޚަބަރު

އެމެރިކާއާއެކު އޮންނަ ގުޅުން ރަނގަޅުކުރެވޭނެ: ޗައިނާ


1979ވަނަ އަހަރު ޗައިނާއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރީންސުރެ ދެ ޤައުމުގެ ގުޅުމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ޙާލަތަކީ މިއީކަމަށާއި ދެ ޤައުމުގެ ގުޅުން އަލުން ރަނގަޅުކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގު ޔީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ޗައިނާއިން އިހުމާލުވެފައިވާކަމަށް އެމެރިކާއިންވަނީ ތުހުމަތުކޮށްފައެވެ. އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ ގޯސްވެފައެވެ. އޭގެ ފަހުން ހޮންގްކޮންގުގައި ހަރުކަށި ސަލާމަތާ ބެހޭ ޤާނޫނެއް ޗައިނާއިން ތަންފީޒުކުރުމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ އިތުރަށް ނުތަނަވަސްވެފައެވެ. ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދުތަކުގެ މިލްކުވެރިކަމާއި ތައިވާނުގެ މައްސަލައިގައިވެސް ދެ ޤައުމުގެ މެދުގައިވަނީ ޚިލާފު އުފެދިފައެވެ.

ޚާރިޖީ ވުޒާރާގެ ވެބުސައިޓުގައި ޝާއިޢުކުރި ބަޔާނެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އަމާންކަމާއެކު ޗައިނާއާއި އެމެރިކާއާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާއާމެދު އެމެރިކާއިން ޢަމަލުކުރަމުންދާ ސިޔާސަތުތައް ބިނާވެގެންވަނީ އެއްވެސް ހަރުދަނާ ސަބަބެއްގެ މައްޗަށް ނޫންކަމަށާއި ޒަމާނުއްސުރެ އުފެދިފައިވާ ޒާތީ ފިކުރެއްގެ މައްޗަށްކަމަށެވެ.

ޖުލައި މަހުގެ 8ވަނަ ދުވަހު އެމެރިކާގެ ޚަރިޖީ ވަޒީރު މައިކް ޕޮންޕެއޯވަނީ އެހެން ޤައުމުތަކަށް ބާރުފޯރުވުމުގެ ފުރުޞަތު ޗައިނާއަށް ދީގެން ނުވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޗައިނާއިން ސަރަޙައްދީ ރޮނގު ޙިއްޞާކުރާ އިންޑިޔާއާއި ވިއެޓުނާމާއި ޖަޕާނާއެކު އުފެދިފައިވާ ދެބަސްވުންތަކަށް އޭނާވަނީ އަލިއަޅުވައިލައްވާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވާންގު ޔީ ވިދާޅުވީ ދެ ޤައުމުގެ ތަފާތުތައް ބަލައިގަންނަންޖެހޭކަމަށާއި އެއް ޤައުމުން އަނެއް ޤައުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި ތަފާތުތަކުގެ މައްޗަށް ބިނާކޮށް ޚާރިޖީ ގުޅުމާބެހޭ ހަރުދަނާ ސިޔާސަތެއް އެކުލަވާލަން މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި ހުރި ތަފާތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ދެބަސްވުންތައް ނައްތާލައި ކޯވިޑް-19އާ ދެކޮޅަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފިނަމަ ދެ ޤައުމުގެ ގުޅުން ރަނގަޅުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.