ޚަބަރު

ކޯވިޑް-19 ފެތުރުން ހުއްޓުމުގައި ޑަބުލިއުއެޗުއޯ ޢަމަލުކުރި ގޮތް ތަހުޤީޤުކުރަން ޚާއްޞަ ޕެނަލެއް


ކޯވިޑް-19އާ ދެކޮޅަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިން ޢަމަލުކުރި ގޮތް ތަހުޤީޤުކުރުމަށް މިނިވަން ޕެނަލެއް އެކުލަވާލައިފިއެވެ.

ޑަބުލިއުއެޗުއޯއިން އެގޮތަށް އިޢުލާނުކޮށްފައިވަނީ ކޯވިޑް-19 ފެތުރެން ފެށުމުން އެ ޖަމުޢިއްޔާއިން ޢަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި ބަލި ފުރަތަމަ ފެތުރުނު ޗައިނާއަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން އެ ޤައުމުން ފޯރުކޮށްދީފައިވާ ޞައްޙަނޫން މަޢުލޫމާތުތަކަށް ބަރޯސާވެ ގޯސް ނިންމުންތަކެއް ނިންމާފައިވާކަމަށް އެމެރިކާއިން ތުހުމަތުކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން ޑަބުލިއުއެޗުއޯއިން ވަކިވާނެކަން މި މަހުގެ 7ވަނަ ދުވަހު އެމެރިކާއިންވަނީ އެ ޖަމުޢިއްޔާއަށް ރަސްމީކޮށް އަންގާފައެވެ.

ޑަބުލިއުއެޗުއޯއިން އެކުލަވާލި ތަހުޤީގު ޕެނަލްގައި އިސްކޮށް ތިއްބަވާނީ ނިއު ޒީލެންޑުގެ ކުރީގެ ބޮޑުވަޒީރު ހެލެން ކުލާކާއި ލައިބީރިޔާގެ ކުރީގެ ރައީސް އެލެން ޖޮންސަން ސަރލީފެވެ. ޑަބުލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިޔޭސުސް ވިދާޅުވީ މުޅި ދުނިޔެއަށް ކޯވިޑް-19ގެ އަސަރު ފޯރާފައިވާކަމަށާއި އެ ބަލި ފެތުރުނު ގޮތް ދެފުށް ފެންނަ ގޮތަކަށް ތަހުޤީޤުކުރަންޖެހޭކަމަށެވެ. އެ ޕެނަލުގައި އިތުރު ބޭފުޅުން ހިމަނުއްވާނީ ޕެނަލުގައި އިސްކޮށް ތިއްބަވާ ދެ ބޭފުޅުންކަމަށް އޭނާ ވިދާޅުވިއެވެ. ޓެޑްރޮސް ވިދާޅުވީ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޞިއްޙަތާބެހޭ ވަޒީރުންގެ އަހަރީ ބައްދަލުވުމުގައި އެ ޕެނަލުގެ ތަހުޤީޤަށް ފާހަގަވާ ބައެއް ކަންކަން ހުށަހަޅާނެކަމަށާއި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ތަފުޞީލީ ރިޕޯޓެއް ހުށަހަޅާނެކަމަށެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ދިރާސާކުރުމަށް ވިލާތުގެ އިއްތިޙާދުންވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ޑަބުލިއުއެޗުއޯގެ މެންބަރު ޤައުމުތަކުންވަނީ ތާޢީދުކޮށްފައެވެ.