ޚަބަރު

އަންނަ ހަފުތާގައި ރަޝިޔާގައި ކިޔެވުން ފަށަނީ


ރަޝިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށް ދިއުމުން އެ ޤައުމުގެ ވެރިރަށް، މޮސްކޯގެ މަދަރުސާތައް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރަޝިޔާއަށެވެ. އެ ޤައުމުގައި 707،301 މީހުންނަށް ބަލި ޖެހި 10،843 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 227،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ މޮސްކޯގައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މާރިޗު މަހުގެ ތެރޭގައި މޮސްކޯގައި އިޢުލާނުކުރި ފުރަބަންދު އުވާލީ މިދިޔަ މަހުގެ ތެރޭގައެވެ.

މޮސްކޯގެ މޭޔަރު ސަރުގެއި ސޮބުޔަނިން ވިދާޅުވީ އެ ސިޓީގައި ބަލި ޖެހޭ މީހުންގެ ޢަދަދު ދަށަށްދާން ފަށައިފައިވާކަމަށާއި އެ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަ ހަފުތާއިން ފެށިގެން މޮސްކޯގެ މަދަރުސާތަކާއި ޔުނިވަސިޓީތަކާއި ކޭންޕުތަކާއި އެހެނިހެން މަރުކަޒުތައް ހުޅުވަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލުއިތަކެއް ދިނުމުން މޮސްކޯގައި މާސްކު އަޅައިގެން ބޭރަށް ނުކުންނަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފިހާރައަށާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތައް ބޭނުންކުރާ މީހުންވެސް މާސްކު އަޅަންޖެހޭނެއެވެ.

އޭގެ އިތުރުން އަންނަ މަހުގެ ތެރޭގައި މޮސްކޯގެ ސިނަމާތަކާއި ތިއެޓަރުތަކާއި ކުޅިވަރުކުޅޭ އެކުވެނިތައް ހުޅުވުމުގެ ޙުއްދަ ދޭނެއެވެ. ނަމަވެސް އެ ތަންތަނުގެ ޖާގައިގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހުންނަން ޖެހޭނީ ބަންދުކޮށްފައެވެ.