ޚަބަރު

ހޮންގްކޮންގަށް އެހީތެރިވުމަށް އޮސްޓްރޭލިޔާއިން ޚާއްޞާ ފިޔަވަޅުތަކެއް އަޅަނީ


ހޮންގްކޮންގުގައި ޤައުމީ ސަލާމަތާ ބެހޭ ހަރުކަށި ޤާނޫނެއް ޗައިނާއިން ތަންފީޒުކުރުމުން އެ ޤައުމުގެ ރައްޔިތުންނަށް އައު ދިރިއުޅުމެއް ފެށުމަށް އެހީތެރިވުމަށް އޮސްޓްރޭލިޔާއިން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވަނީ އެ ޤައުމުގައި ތިބި ހޮންގްކޮންގުގެ ރައްޔިތުންގެ ވިސާގެ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދޭން ނިންމަވާފައިވާކަން އިޢުލާނުކުރައްވާފައެވެ. ބޮޑޫވަޒީރު މޮރިސަން ވިދާޅުވީ ހޮންގްކޮންގުގެ 10،000އަށްވުރެ ގިނަ ދަރިވަރުންނާއި މަސައްކަތްތެރިން އޮސްޓްރޭލިޔާގައި ތިބިކަމަށެވެ. އޮސްޓްރޭލިޔާގައި ތަޢުލީމު ހާޞިލްކުރަމުންދާ ހޮންގްކޮންގުގެ ދަރިވަރުން ދަސްވެނިމުމުން އިތުރު ފަސް އަހަރަށް އެ ޤައުމުގައި މަޑުކުރުމުގެ ފުރުޞަތު އޮންނާނެކަމަށާއި ފަސް އަހަރު ހަމަވުމުން ދާޢިމީ ރަށްވެހިކަން ހޯދުމަށް ހުށަހެޅޭނެކަމަށް މޮރިސަން ވިދާޅުވިއެވެ. އޮސްޓްރޭލިޔާގައި މަސައްކަތް ކުރުމަށް ވަގުތީ ވިސާގައި ތިބި ހޮންގްކޮންގުގެ ރައްޔިތުންނަށްވެސް ހަމަ އެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އޮސްޓްރޭލިޔާގައި ހޮންގްކޮންގުގެ ރައްޔިތުން ކުށްކުރުމުން ހޮންކޮންގުގައި އެ މީހުންގެ ޝަރީޢަތް ބޭއްވުމަށް މަގުފަހިވާ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލުމަށް އޮސްޓްރޭލިޔާއިންވަނީ ނިންމައިފައެވެ. އަދި ހޮންގްކޮންގުގައި ސަރަޙައްދީ މައި އިދާރާތައް ހުންނަ ބައިނަލްއަޤްވާމީ ވިޔަފާރިތައްވެސް އޮސްޓްރޭލިޔާއަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލުމަށްވަނީ ނިންމައިފައެވެ.