ޚަބަރު

އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަވަހާރަވެއްޖެ


އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަމަޑޫ ގުން ކޫލިބަލީ އަވަހާރަވެއްޖެއެވެ.

އުމުރުން 61 އަހަރުގެ ކޫލިބަލީއަކީ ހިތުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ބޭފުޅެކެވެ. 2012ވަނަ އަހަރު ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކޫލިބަލީވަނީ ފާއިތުވި ދެ މަސް ދުވަހު ފަރަންސޭސިވިލާތުގައި ފަރުވާ ހޯއްދަވައިފައެވެ. ފަރުވާއަށްފަހު އެނބުރި އައިވަރީ ކޯސްޓަށް ވަޑައިގަތީ މީގެ ހަފުތާއެއް ކުރިންނެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި އިންނަވަނިކޮށް އޭނާގެ ޞިއްޙީ ޙާލަތު ގޯސްވުމުންވަނީ ހަސްފަތާލަށް ގެންގޮސްފައެވެ. އޭނާ އަވަހާރަވީ ހަސްފަތާލުގައި ފަރުވާދެމުންދަނިކޮށެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި އައިވަރީ ކޯސްޓުގެ ރައީސް އަލަސަން ގުތަރާވަނީ ތިންވަނަ ދަޢުރަކަށް ވާދަނުކުރައްވަން ނިންމަވައިފައެވެ. ކޫލިބަލީ އަވަހާރަވީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވަނިކޮށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިޚާބުގައި ދެން ވާނެގޮތަކާމެދުވަނީ ސުވާލު އުފެދިފައެވެ. މި ޙާލަތުގައި ރައީސް ގުތަރާ އިތުރު ދަޢުރަކަށް ކުރިމަތިލެއްވުން އެކަށީގެންވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.