ކުޅިވަރު

ރާއްޖޭގެ އަންހެން ޓީޓީ ކުޅުންތެރިންނަށް އައިޓީޓީއެފްގެ ތަޢުރީފު


ރާއްޖެއަކީ ސަރަހައްދީ ލެވެލްގައި ޓީޓީގެ ކުރިމަގު އޮތް ގައުމެއްކަމަށް އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތުމަތު ދީމާ ޢަލީގެ ކާމިޔާބީ ފާހަގަކޮށް އައިޓީޓީއެފްގެ ވެބްސައިޓުގައިވާ ލިޔުމެއްގައި އެކަން ފާހަގަކުރުމުގެ އިތުރުން ރާއްޖޭގެ ޓީޓީ އަންހެން ކުޅުންތެރިންނަށް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

އައިޓީޓީއެފް ބުނެފައިވާ ގޮތުން ޒުވާން ކުޅުންތެރިންނާއެކު ރާއްޖެއިން ހޯދި ކާމިޔާބީއަކީ ކުރިމަގުގައި ކާމިޔާބު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ހުސްވި ޑިސެންބަރު މަހު ނޭޕާލުގައި ބޭއްވި ސައުތުއޭޝިޔަން ގޭމްސްގައި ޒުވާން ޓީމަކާއެކު ގޮސް ރާއްޖޭގެ އަންހެންޓީމުން ހޯދީ، ފާހަގަކޮއްލަންޖެހޭ ވަރުގެ ކާމިޔާބެއްކަމަށް އެ ލިޔުމުގައިވެއެވެ.

މުބާރާތުގައި ދީމާގެ އާއި ރަފާގެ ޕެއާއިން ދެއްކި ކުޅުންވެސް އައިޓީޓީއެފުން ވަނީ ފާހަގަކޮއްފައެވެ. އުމުރުން 12 އަހަރުގައި ދުނިޔޭގެ ރޭންކިންގައި ފާހަގަކުރެވޭ މަގާމެއްގައި ހިމެނުމަކީ ފާހަގަކުރެވޭ ކަމެއްކަމަށް އައިޓީޓީއެފުން ބުންޏެވެ.