ވިޔަފާރި

ޓެކްސްއާއި ގުޅުންހުރި ޙާއްސަ ސެޝަންތަކެއް މީރާއިން ކުރިއަށްގެންދަނީ


ބައެއް ޓެކްސްއާއި ބެހޭ މައުލޫމާތުދީ އޮންލައިންކޮށް ޓެކްސް ދައްކާނެ ގޮތުގެ މައުލޫމާތުދިނުމަށް މީރާއިން ޙާއްސަ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާއިން ވިދާޅުވީ، އިންކަމް ޓެކްސްއާއި، އެންޕްލޯއީ ވިޓްހޯލްޑިންގ ޓެކްސްއާއި ގުޅޭ މައުލޫމާތުދީ ޖީއެސްޓީއާއި ޖީއެސްޓީ ރިޓާން މީރާ ކަނެކްޓް މެދުވެރިކޮށް ދައްކާނެގޮތް ކިޔައިދިނުމަށް މަޢުލޫމާތުދޭ މި ސެސަންތަކުގައި ޓެކްސްދައްކާ ފަރާތްތަކަށާއި އަދި އާންމުންނަށްވެސް ބައިވެރިވެވޭނެކަމަށެވެ.

މީރާއިން ވިދާޅުވީ މި ސެޝަންތައް ކުރިއަށްގެންދާނީ މިމަހުގެ 13 އިން 16 ގެ ނިޔަލަށްކަމަށެވެ. ކޮންމެ ސެޝަނެއްގައިވެސް އެންމެ ގިނަވެގެން ބައިވެރިވެވޭނީ 50 މީހުންނަށެވެ. ސެޝަންގައި ބައިވެރިވުމަށް އެކަމަށް ޙާއްސަކޮށްފައިވާ ލިންކަށް ވަނުމަށްފަހު އެޕްލިކޭޝަންއެއް ފުރަންޖެހެއެވެ. މި ސެޝަންތަކުގައި ބައިވެރިވުމަށް މިހާރުވެސް ބައެއް ފަރާތްތަކުން ރަޖިސްޓްރީކޮށްފައިވާކަމަށް މީރާއިން ބުނެއެވެ. މީރާއިން މީގެ ކުރިންވެސް ވަނީ ޓެކްސްއާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މިފަދަ ސެޝަންތައް ކުރިއަށްގެންގޮސްފައެވެ.

ކޯވިޑް19 އާއި ގުޅިގެން މީރާގެ ގިނަ ޙިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމް އެ އޮޓޯރިޓީން ވަނީ ހަމަޖައްސާފައެވެ. އަދި ޙިދުމަތްތައް ހޯދުމުގައި މީރާގެ އޮފީހަށް ޒިޔާރަތްކުރުމުގެ ބަދަލުގައި އޮންލައިން ޙިދުމަތްތައް ބޭނުންކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.