ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އިސްތިއުފާ ދީފި


ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްތިއުފާދީފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިޙް މަޤާމުން އިސްތިއުފާދިނީ އެ އެސޯސިއޭޝަންގެ އިސް މަޤާމެއްގައި ހުރި މީހަކު އެސޯސިއޭޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށައެޅި އެމައްސަލަ އެކަށީގެންވާ ގޮތެއްގައި ބެލެމުން ނުދާތީއެވެ.

އިސްތިއުފާ ދެއްވަމުން ނާސިހް ވިދާޅުވެފައި ވަނީ، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް އެސޯސިއޭޝަންގެ އިންޓާނަލް ކޮމިޓީން ބެލުމަށްފަހު ހިންގާ ކޮމިޓީއަށް ހުށައެޅުމުންވެސް އިތުރަށް އެކަން ބެލެމުން ނުދާތީ މަޤާމުގައި ދެމިހުންނެވުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނާސިހް ވިދާޅުވީ، އެ މައްސަލަ އެކްސްކޯގެ ސަމާލުކަމަށް އައީ ޖޫންމަހުގެ 23 ވަނަ ދުވަހުކަމަށެވެ. އެކްސްކޯގެ ބައެއް މެންބަރުން ބޭނުން ވަނީ އެ މައްސަލަ ނުބަލައި ދޫކޮށްލުމަށް ކަމުގައި ނާސިޙް ތުހުމަތު ކުރައްވައެވެ.

ނާސިހު ވިދާޅުވީ، އެ މައްސަލަ ހުށައެޅުނު ދުވަހުން ފެށިގެން މިހާތަނަށްވެސް އެކަން ބެލުމަށް ފަރުދީގޮތުން އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާކަމުގައެވެ.

ނާސިހް ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވީ އެސޯސިއޭޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށް އެފަދަ މައްސަލައެއް ނުބެލި ދިޔުމަކީ އޭނާއަށް ޤަބޫލުކުރެއްވޭނެ ކަމަކަށް ނުވާތީ ކަމުގައެވެ.