މުނިފޫހިފިލުވުން

"ކޫލީ ނަންބަރު-1" ރިލީޒް ކުރަން ބޭނުންވަނީ ސިނަމާތައް ހުޅުވުނީމަ!

މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން "ކޫލީ ނަންބަރު-1" އަކީވެސް ގިނަ ބަޔަކު ބަލާލުމަށް ކެތްމަދުވެފައިވާ ފިލްމެކެވެ.

ވަރުން ދަވަން އާއި ސާރާ ޢަލީ ޚާން ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ ސިނަމާތަައް ބަންދުކޮށްފައި ވާތީ، ފިލްމް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ. ކޯވިޑް-19 އާއި ގުޅިގެން މިއަހަރުގެ މެދުތެރޭ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ގިނަ ފިލްމްތަކެއް ސިނަމާތަކުގައި އެޅުވުމުގެ ބަދަލުގައި އޯ.ޓީ.ޓީ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެޅުވުމަށް ތައްޔާރުވަމުންދާއިރު، "ކޫލީ ނަންބަރު-1" ރިލީޒްކުރާނެ ގޮތަކާމެދު އަދިވެސް ވަކިގޮތެއް ނިންމިފައެއް ނުވެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ވާގޮތުން މި ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރުމަށް ގިނަ ހުށަހެޅުންތަކެއް ފިލްމުގެ ޑައިރެކްޓަރ އަދި ވަރުންގެ ބައްޕަ ޑޭވިޑް ދަވަންއަށް ވަނީ ލިބިފައެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ވިސްނުން އަދިވެސް ހުރީ މި ފިލްމް ސިނަމާތަކުގައި ޕްރިމިއަރ ކުރުމަށެވެ. އެހެންކަމުން އިންޑިއާގައި ކޯވިޑް-19ގެ ހާލަތަށް ބަލާ ސިނަމާތައް އަލުން ހުޅުވާނެ ދުވަހަކަށް ޕްރޮޑަކްޝަން ޓީމުން އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި ފިލްމް ރިލީޒްކުރުން އެންމެގާތީ މިއަހަރުގެ ފަހުކޮޅު ނުވަތަ އައު އަހަރާ ދިމާކޮށްކަމަށްވެސް ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ.

"ކޫލީ ނަންބަރު-1" އަކީ 1995 ވަނަ އަހަރު ހަމަ އެނަމުގައި ގޯވިންދާ އާއި ކަރިސްމާ ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމުގެ ރީމޭކެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގައި ކޮމެޑީ ރޯލުތަކަށް މަޝްހޫރު ޕަރޭޝް ރާވަލާއި، ޖާވިދު ޖެފްރީވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ.

މިއީ ޑޭވިޑް ދަވާން އޭނާގެ ކުރީގެ ފިލްމެއްގެ ރީމޭކް ހަދާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 1997 ވަނަ އަހަރު ރިލީޒްކުރި ޖުޅުވާގެ ރީމޭކެއް "ޖުޅުވާ 2" ނަމުގައި ހަދާފައެވެ. އެ ފިލްމުގައިވެސް ލީޑް ރޯލު ކުޅެފައިވަނީ ދަރިފުޅު ވަރުން ދަވަންއެވެ.