ޚަބަރު

ތިލަފުށީ އަލިފާންގަނޑު މުޅިން ނިއްވާލައި، ތަޙުޤީޤު ފަށައިފި


ތިލަފުށީގައި ރޭ ހިނގި އަލިފާންގަނޑު މުޅިން ނިއްވާލައި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ ހިނގި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވިއިރު، އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވި ނިވާލެވިފައި ވީނަމަވެސް، އެތަނުގައި ހުރި ބައެއްތަކެތި ދުންއަރަމުންދާތީއާއި ހޫނުގެ އަސަރު ނުކެނޑޭތީ އަލިފާން ނިއްވާ މީހުން ގެންދިޔައީ މިއަދުވެސް ފެންޖަހަމުންނެވެ.

ގުދަނުގައި ރޯވެގެން އެމްއެންޑީއެފުން ރިޕޯޓްކޮށްފައިވަނީ، ރޭ 20:24ގައެވެ. އެމްއެންޑީއެފުން ވިދާޅުވީ ރޭގެ އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވެފައި ވަނީ، ސެކިއުއަރބޭގުގެ ގުނދަނާއިއެކުގައި ހުރި އެކުންފުނީގެ ޖަނަރޭޓަރުގޭގައި ކަމަށެވެ. އަދި އެއާއި އެކު މުޅި ގުދަނަށް އަލިފާންގަނޑު ފެތުރިގެން ދިޔައީކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މި ގުދަނުގައި ތިނަރާއި ރަބަރު ޓަޔަރު އަދި އަދި އަލިފާން ފަސޭހައިން ހިފާ ފެތުރޭ ފަދަ ބާވަތްތައް ގިނައަދަދަކަށް ހުރުމުން އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވީކަމަށެވެ.

އަލިފާން ނިއްވުމަށްޓަކައި ފޯމާއި ފެން ބޭނުންކޮށްފައި ވާއިރު، އަލިފާން ނިއްވުމަށްޓަކައި މާލެއިން ފަޔަމަނުންގެ ދެ ޓީމެއް ވަނީ ތިލަފުއްޓަށް ގޮސްފައެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ގުދަން ފިޔަވައި އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސބަބު ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ މިހާދިސާ ހިނގާފައި މިވަނީ މިދިޔައަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރު އަބދަށްފެހިމަގުގައި ހުރި އެބާވަތުގެ ގުދަނެއްގައި ހިނގި އަލިފާނުގެ ބޮޑު އާއި ގުޅިގެން މާލޭގައިހުރި އެފަދަ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރިފަހުންނެވެ. އެގޮތުން އޭރު މިފަދަ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމީ މިފަދަ ތަކެތި އާންމުން އުޅޭ ސަރަހައްދުތަކުގަައި ހުރުމުން، މިހެން ދިމާވާ ޙާދިސާތަކުގެ ނުރައްކަލުން ޢާއްމުރައްޔިތުން ރައްކާތެރިކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ރޭ ތިކަފުށީގައި ހިނގި އަލިފާނުގެ ޙާދިސާގެ ބޮޑުމިނާއި، އަލިފާން ކޮންޓްރޯލްކުރުމަށް ހޭދަވި ވަގުތަށް ބަލާއިރު، މިއީ މާލޭގައި ހުރި ގުދަނެއްގައި ހިނގި ޙާދިސާއެއްނަމަ، މިދިޔައަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރު އަބދަށްފެހިމަގުގައި ހިނގި ޙާދިސާފަދަ ބޮޑު ނުރައްކަލަކަށް މިކަން ވެގެން ދިއުން ގާތްކަމުގައި ދަންނަވަން ޖެހެއެވެ.