ވިޔަފާރި

ޤައުމީ ޝިޕިންގލައިންއިން ރާއްޖެއަށް ލިބެން ޖެހޭ ފައިދާ ދަނީ ލިބެމުން- އެމްއެސްއެސް


މި ދަނޑިވަޅުގައި ޤައުމީ ޝިޕިންގލައިންއިން ރާއްޖެ ލިބެންޖެހޭ ފައިދާ ލިބެމުންދާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން "ޓެކްލިންގ ނިއު ޗެލެންޖަރސް އިން ޝިޕިންގ އެންޑު ލޮޖިސްޓިކްސް"ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމް.އެސް.އެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އެކުންފުނީގެ ޚިދުމަތް ފަށާފައިވާ ވަގުތަކީ މާލީ ގޮތުން ލިބޭނެ ފައިދާއަކަށް ބަލާނަމަ ރަނގަޅު ވަގުތެއް ނޫންކަމަށެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުން ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރުތައް ހުއްޓިފައިވާއިރު، ޤައުމީ ޝިޕިންލައިންއެއް އޮތުމުން ރާއްޖެއަށް ގެންނަން ބޭނުންވާ ސިއްޙީ ސާމާނާއި، ކޯވިޑް-19އާ ގުޅިގެން އިމާރާތްކުރަމުންދިޔަ ތަންތަނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ގެނައުމަށް އެމްއެސްއެސްއިން އެހީތެރިވެދީފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

"ހިތްހަމަޖެހޭ މިހިސާބަށް ކަންތައްތައް ގެންދެވުނު ގޮތާ މެދު، ކޯވިޑާއި ގުޅިގެން ސަރުކާރަށް ބޭނުންވާ ތަކެތި ރާއްޖެއަށް ގެނެސްދިނުމަށް އެމް.އެސް.އެސްއިން އެހީތެރިކަން ފޯރުކޮށްދެވުނު" ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޤައުމީ ޝިޕިންގލައިންއެއް އޮތުން މުޙިއްމު ކަމަށާއި، މިއީ ދިވެހިންނަށް މިދާއިރާގައި މަސައްކަތްކޮށް ކުރިއަށް ދިޔުމަށް މަގު ފަހިވެގެންދާނެ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ދިވެހިން ސީފެއަރާސްއަށް މި ދާއިރާއިން މާބޮޑު އޮޕްޗިއުނިޓީއެއް ނެތް، އިންޑަސްޓްރީއެއްގެ ގޮތުގައި ސްޓޭޓުން މިކަން ކުރުމުން ދިވެހިންނަށް ފުރުސަތުތައް ފަހިވެގެންދާނެ،" ސައީދު ވިދާޅުވިއެވެ.

ސާއިދު ފާހަގަކުރެއްވި ގޮތުގައި ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ގިނަ ޤައުމުތަކުން ދަތުރުފަތުރުގެ ޚިދުމަތް މެދުކަނޑާލާފައިވާއިރު އެޤައުމުތަކަށް ބަރޯސާނުވެ ރާއްޖޭގައި ވެސް އަމިއްލަ ކުންފުންޏެއް އޮތުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭ ޙިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންގލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުން ކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.