ޚަބަރު

އެމެރިކާ ޑަބްލިއުއެޗުއޯއިން ރަސްމީކޮށް ވަކިވާނީ އަންނަ އަހަރު


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން އެމެރިކާ ރަސްމީކޮށް ވަކިވާނީ 2021ވަނަ އަހަރުގެ ޖުލައި މަހުގެ 6ވަނަ ދުވަހުކަމަށް އދން ބުނެފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ޑަބްލިއުއެޗުއޯއިން ޢަދާކުރަމުންދާ ދަޢުރާމެދު ހިތްހަމަނުޖެހިގެން 70 އަހަރަށްފަހު އެ ޖަމްޢިއްޔާގެ މެންބަރުކަމުން ވަކިވާން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް އިޢުލާނުކުރެއްވީ މީގެ އެއް މަސް ދުވަސް ކުރިންނެވެ. ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާއަށް ޑަބްލިއުއެޗުއޯއިން ޚާއްޞަ އިސްކަމެއް ދޭކަމަށް އެމެރިކާއިންވަނީ ތުހުމަތުކޮށްފައެވެ. ޑަބްލިއުއެޗުއޯއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޑަބްލިއުއެޗުއޯގެ މެންބަރުކަމުން ރަސްމީކޮށް ވަކިވުމުގެ ކުރިން އެކަން އެއް އަހަރު ދުވަހުގެ ކުރިން އެ ޖަމްޢިއްޔާއަށް އަންގަންޖެހެއެވެ. އަދި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހާ އދއާއެކު 1948ވަނަ އަހަރު އެއްބަސްވެފައިވާ މުއާޙަދާގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެ މުއްދަތުގެ ތެރޭގައި ދައްކާ ޚަލާޞްކުރަން ޖެހެއެވެ. ޑަބްލިއުއެޗުއޯއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން އެ ޖަމްޢިއްޔާއަށް 200 މިލިޔަން އެމެރިކާ ޑޮލަރު ދޭންޖެހެއެވެ. ޑަބްލިއުއެޗުއޯއިން ވަކިވާން އެދޭކަމަށް ރަސްމީކޮށް އެމެރިކާއިން އަންގާފައިވާކަން އދންވަނީ ޔަޤީންކޮށްދީފައެވެ. އދން ބުނީ އެމެރިކާ ވަކިވުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރިކަން ޔަޤީންކުރުމުގެ މަސައްކަތް ޑަބްލިއުއެޗުއޯއާ ގުޅިގެން ކުރާނެކަމަށެވެ.

ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޓުރަންޕް ނާކާމިޔާބުވެވަޑައިގެންފިނަމަ ޑަބްލިއުއެޗުއޯގެ މެންބަރު ޤައުމެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުން އެކަށީގެންވެއެވެ.